ސްރީލީލާގެ ހަޔާތަށް ކްރިކެޓް ކުޅުންތެރިއެއް؟

ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ސްރީލީލާ އާއި ކްރިކެޓް ކުޅުންތެރިޔާ ތިލަކް ވަރުމާ އާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ސޯޝަލް މީޑިއާގައި މި މައުޟޫއާ ގުޅޭގޮތުން ވާހަތައް ދެކެވެމުންދާއިރު، މިއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، ތިލަކް ވަރުމާ އާއި ސްރީލީލާއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެކެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ސްރީލީލާ އާއި ތިލަކް އެއް ދުވަސްވަރެއްގައި އިންޑިއާގެ ފައްޅިތަކަށް އެކީގައި ޒިޔާރަތްކުރުމާއި ކުޅިވަރުގެ މުބާރާތްތަކުން ފެނިފައިވުމަކީ މި ފަދަ ތުހުމަތުތަކެއް އުފެދެން މެދުވެރިވި ސަބަބެކެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކުން އެ ދެ މީހުންގެ ދެމެދުގައި ގުޅުމެއް އޮތްކަން ކަށަވަރުވާނެ އެއްވެސް ހެއްކެއް ނެތެވެ. ދާދިފަހުން މެޑިކަލް ޑޮކްޓަރެއްގެ ލަގަބު ހޯދި ސްރީލީލާ އަކީ މަގުބޫލު ފިލްމު "ބަގަވަންތު ކޭސަރީ"އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. މި ފިލްމަށް ވަނީ 71 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ތެލުގޫ ފީޗަ ފިލްމުގެ އެވޯޑް ލިބިފައެވެ. ސްރީލީލާ އެންމެ ފަހުން ފެނިފައިވަނީ ފިލްމު "އުސްތާދު ބަގަތު ސިންގް"އިންނެވެ. ބަތަލާ ސްރީލީލާ އާއި ކްރިކެޓް ކުޅުންތެރިޔާ ތިލަކް ވަރުމާ--ފޮޓޯ/އިންޑިއާޓުޑޭ ސްރީލީލާއާ ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނަމުން އަންނަ ތިލަކް ވަރުމާ އަކީ ހައިދަރުއާބާދަށް ނިސްބަތްވާ، ވާތުން ބެޓްކުރާ ހުނަރުވެރި ކުޅުންތެރިއެކެވެ. ދެހާސްބާވީސް ވަނަ އަހަރު މުމްބާއީ އިންޑިއަންސްއަށް ކުޅެން ފެށުމާ އެކު އޭނާ ވަނީ އިންޑިއާގެ ކްރިކެޓް ދާއިރާގައި ފާހަގަކޮށްލެވޭ މަގުބޫލު ނަމަކަށް ވެފައެވެ. މިހާރު ބޮލީވުޑަށް ތައާރަފްވުމުގެ މަސައްކަތް ފަށާފައިވާ ސްރީލީލާ އާއި އެކްޓަރު ކާތިކް އާރްޔަންއާ ދެމެދު ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ކަމަށް ވެސް އެއް ދުވަސްވަރެއްގައި އަޑު ފެތުރުނެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ ޑައިރެކްޓަރު އަނޫރާގު ބާސޫ އުފައްދާ ލޯބީގެ ފިލްމަށް ދެ ތަރިން ސޮއިކުރުމެވެ. އެ ފިލްމުގެ މަސައްކަތްފެށި ދުވަސްވަރު ސްރީލީލާ ވަނީ ކާތިކްގެ އާއިލާގެ އެކި އެކި މުނާސަބާތަކުންނާއި އިންޑިއާގައި ފާހަގަކުރާ އެކި ފެސްޓިވަލް ހަރަކާތްތަކުގައި ކާތިކްގެ އާއިލާއާ އެކު ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ