ކާމިޔާބު 10 އަހަރަށް ފަހު ސިޓީ ދޫކޮށްލަން ގާޑިއޯލާ ނިންމައިފި، ބަދަލުގައި މަރެސްކާ

މެންޗެސްޓަރ ސިޓީގައި ކާމިޔާބު 10 އަހަރު ހޭދަކުރުމަށްފަހު، މި ސީޒަން ނިމުމުން އެ ކްލަބުގެ ކޯޗުގެ މަގާމުން ވަކިވާން ޕެޕް ގާޑިއޯލާ ނިންމައިފި އެވެ.
އެ ކްލަބާ އެކު 20 ތަށި  ކާމިޔާބުކޮށްފައިވާ އުމުރުން 55 އަހަރުގެ ގާޑިއޯލާގެ ކޮންޓްރެކްޓް ސިޓީގައި އަންނަ ސީޒަނުގެ ނިޔަލަށް އެބައޮތެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން އޭނާ ސިޓީ ދޫކޮށްލަން ނިންމި ސަބަބު ހާމައެއް ނުކުރެ އެވެ. 
އޭނާގެ ބަދަލުގައި އެ މަގާމާ ހަވާލުވާނެ ކަމަށް ބެލެވެނީ ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ ކަމަށް، ދި އެތުލެޓިކް ޔޫކޭއިން ބުންޏެވެ. 
ގާޑިއޯލާ ޓީމު ދޫކޮށްލާނަމަ ސިޓީން ގެންދާނީ އެ ޓީމުގައި ކުރިން ސިޓީގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މަރެސްކާކަން ވަރަށް ބޮޑަށް ބެލެވޭ ކަމަށް ދި އެތުލެޓިކުން ބުންޏެވެ. 
ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ ހ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި އެވެ. އޭނާގެ އެންމެ ފަހު ދެ މެޗަކަށް ވާނީ ކުރިއަށް އޮތް ބޯންމައުތު އަދި އެސްޓަން ވިލާ މެޗެވެ.
ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ވާދަކޮށް މި ސީޒަނުގެ ލީގު ތަށި ހޯދުމުގެ ފުރުސަތު އަދިވެސް ސިޓީއަށް އެބައޮތެވެ.
މި ވަކިވުން ދިމާވަނީ ސިޓީގެ މައްޗަށް ކުރެވިފައިވާ މާލީ ގަވާއިދުތަކާ ޚިލާފުވުމުގެ 115 އަށްވުރެ ގިނަ ދައުވާގެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމަކު މީގެ ކުރިން ގާޑިއޯލާ ބުނެފައި ވަނީ ސިޓީގެ މައްޗަށް ކުރާ އެ ތުހުމަތުތަކުގައި އެ ކްލަބަށް ފިޔަވަޅު އަޅައި ރެލިގޭޓް ކޮށްލިޔަސް ކްލަބްގައި އޭނާ ދެމިހުންނާނެ ކަމަށެވެ.
އުމުރުން 46 އަހަރުގެ މަރެސްކާއަކީ ކުރިން ސިޓީގެ 21 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދީ، ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ލެސްޓަ ސިޓީ ޕްރިމިއަރ ލީގަށް ކޮލިފައިކޮށްދީފަ އެވެ.  މިދިޔަ ސީޒަނުގައި ޗެލްސީއަށް ކޮންފަރެންސް ލީގާއި ކްލަބް ވޯލްޑް ކަޕް ވެސް ހޯދައި ދިނެވެ.
ނަމަވެސް ލީގުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން ސަޕޯޓަރުންގެ ފާޑުކިއުންތަކާ ހުރެ ޖެނުއަރީ މަހު އޭނާ ވަނީ ޗެލްސީން ވަކިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ