ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް: ނަޝީދު
ފަގީރު، ނިކަމެތި ހާލަތުގައި އޮވެ ދަރަނި ދެއްކުމުގެ ބަދަލުގައި ދަރަނި ދައްކަންވީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރައްޔިތުން ނިކަމެތިނުކޮށް ދަރަނި ދައްކަންޖެހޭ ކަމަށާއި އެގޮތުން ދަރަނި އަނބުރާ ދައްކަން ޖެހެނީ ތަނަވަސްކޮށްގެން އިތުރުކޮށްގެން، ރައްޔިތުންނަށް ލިބޭ އެއްޗެއް ގިނަކޮށްގެން އަދި ޓެކްސް ބޭސް ބޮޑުކޮށްގެން ކަމަށެވެ. މިގޮތަށް ދަރަނި ދެއްކުން ދުނިޔޭގައި އާންމުވާން ޖެހިފައިވާ ކަމަށާއި އައިއެމްއެފް ފަދަ އިދާރާތަކުން މިކަމަށް ހޭލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.ދަރަނީގެ ދަންތުރައިގައި ޖެހިގެން އެފްރިކާގެ އެތައް ގައުމެއް ބިކަވަމުންދާތަން ފެންނަމުންދާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެހެން ނުހެދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ."ޕްރޮސްޕެރިޓީގައި ދަރަނި ދެއްކުން ދުނިޔޭގައި އާންމުވާންވެއްޖެ. އައިއެމްއެފް މި މަގަށް ހޭލާންވެއްޖެ. އަޅުގަނޑު މި އައީ ދުނިޔޭގެ 74 ގައުމުގައި ދެ އަހަރާއި ބައި ވަންދެން މި ވަކާލާތުކޮށްފައި. ހިތަށް ތަދުވާ މިންވަރަށް އެފްރިކާގެ ގައުމުތައް ބިކަވަމުން ނިކަމެތިވަމުންދާ ތަން އެބަ ފެނޭ ދަރަނީގެ ދަންތުރައިގައި ޖެހި،" އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންނާއި ގައުމު ތަނަވަސްކޮށްގެން ދަރަނި ދެއްކޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެމަނިކުފާނު ވާދަ ކުރެއްވުމުގެ އެއް ބޭނުމަކީ އެއީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "ރާއްޖެއިން ދަރަނި ދެއްކޭނީ އަޅުގަނޑުމެން ތަނަވަސްވެގެން. އަޅުގަނޑުމެން ފަގީރުވެގެނެއް ނޫން. އެމްޑީޕީއަކީ މި މަސައްކަތް ކުރާން އޮތް ޕާޓީ. އަޅުގަނޑަށް އެނގޭ މި ޕާޓީ މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވޭނެކަން. އަޅުގަނޑަށް ވަރަށް ސާފު މި މަސައްކަތްނުކޮށް އަޅުގަނޑުމެން ދިވެހީންނަކަށް މުސްތަގުބަލެއް ހޯދޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންކަމަށް ނުކުމެ ވަޑައިގެން ހުންނެވީ، ބަދަލުވަމުންދާ ދުނިޔެއެއްގައި، ރާއްޖެއިން ސާބިތުކަމާ އެކު ފައިހަރުކޮށް، ދިވެހިންނަކީ ގަދަރުވެރި އަދި މި ސަރަހައްދާއި ދުނިޔެއަށް ވެސް ފެންނާނެ ބަޔަކަށް ހެދުމަށެވެ."އެހެންވެ، މި މަގާމަށް އަޅުގަނޑު ހޮވައިދިނުމަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ