މިހާތަނަށް ޚިދުމަތް ނުފަށާ ޑިވެލޮޕްމެންޓް ބޭންކް މާކެޓް ކުރާނެ ވެރިއަކު ހޯދަނީ

އުމްރާނީ ތަރައްގީއަށާއި އިގްތިސޯދީ މަޝްރޫއުތަކަށް އިންވެސްޓުކުރުމަށް ސަރުކާރުން އުފެއްދި ނަމަވެސް، އަދިވެސް ޚިދުމަތް ނުފަށާ ޑިވެލޮޕްމަންޓް ބޭންކު މާކެޓުކުރާނެ ވެރިޔަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ. ޑިވެލޮޕްމަންޓް ބޭންކުގެ އިއުލާނުގައިވާ ގޮތުން، މާކެޓިން ވެރިޔަކު ހޯދަނީ އެއް އަހަރު ދުވަހުގެ މަސައްކަތަށް ބެލުމަށްފަހު ކޮންޓްރެކްޓް އައުކުރާ އުސޫލުންނެވެ. މި މަގާމަށް އައްޔަންކުރެވޭ މީހާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކު އިޝްތިހާރުކޮށް ސޯޝަލް މީޑިއާއާއި ބޭންކުގެ ވެބްސައިޓުގައި ބޭންކާ ގުޅޭ މައުލޫމާތު އަދާހަމަކުރުމާއި، އެކިއެކި އިވެންޓުތައް ރޭވުމާއި، ނޫސްބަޔާންތައް ލިޔެ މީޑިއާއާ ގުޅުން ބަދަހިކޮށް، މާކެޓިން ކެމްޕެއިން ހިންގުން ހިމެނެއެވެ. މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މާކެޓިން އަދި ކޮމިއުނިކޭޝަންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި، އޯލެވެލް އިނގިރޭސިން ފާސްވެފައިވުން ހިމެނެއެވެ. އެކަމަކު މާކެޓިން އަދި ކޮމިއުނިކޭޝަންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް، ޝަރުތުތަކުގައި ވެއެވެ. އޭގެ އިތުރުން ގުޅުންހުރި ދާއިރާތަކުން މަދުވެގެން ފަސް އަހަރުގެ މަސައްކަތުގެ ތަޖުރިބާއެއް އޮތުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި މާކެޓިން ކެމްޕެއިން ހިންގުމުގެ ތަޖުރިބާއަށް ވެސް، މަގާމަށް ހޮވާއިރު ބަލާނެއެވެ. މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އެ ދެމެދުން މުސާރަ ކަނޑައަޅާނީ ތަޖުރިބާއާއި ތައުލީމަށް ބެލުމަށްފަހު ކަމަށް، އިއުލާނާއެކު އާންމުކުރި ކަރުދާހުގައި ވެއެވެ. މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހު އިރުއޮއްސި ހައެއް ޖަހާއިރެވެ. ފާހަގަކުރެވޭ ގޮތުގައި، ޑިވެލޮޕްމަންޓް ބޭންކު، ޑީބީއެމަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް، 13 މަގާމަކަށް މުވައްޒަފުން ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް އިއުލާނުކުރިއެވެ. https://sun.mv/215392 ޑީބީއެމުން ވަނީ ފްރަންޓް އޮފީސް އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދުމަށް ކުރި އިއުލާނުގެ އިތުރުން އެތެރޭގެ އޮޑިޓް މެނޭޖަރަކާއި ލީގަލް މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި އެޗްއާރާއި އިދާރީ މެނޭޖަރަކާއި އައިޓީ މެނޭޖަރެއްގެ އިތުރުން ދެ ކޮމްޕަލަޔަންސް މެނޭޖަރަކާއި ތިން ފައިނޭންސް މެނޭޖަރަކު ހޯދަން އިއުލާނުކޮށްފައެވެ. އިއުލާނުގައިވާ ގޮތުން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެވެ. ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ބޭންކް އެސްޓީއޯގެ އެލައިޑް ބިލްޑިންގުގައި ހިންގާ ގޮތަށް އިފުތިތާހުކުރީ ނޮވެންބަރު 16، 2024ގައެވެ. އެ ތާރީޚުން ފެށިގެން ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް އަދިވެސް އެ ބޭންކުގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެއެވެ. އެ ބޭންކު ހިންގަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ނަމަވެސް، އަދިވެސް އެ ބޭންކުގެ ޚިދުމަތް ފެށޭނެ ތާރީޚެއް ނޭނގެއެވެ. https://sun.mv/221563 އޭގެ އިތުރުން އެ ބޭންކަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ބޭންކުގެ 2024 ވަނަ އަހަރުގެ ރިޕޯޓުން ވަނީ ދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ