ދަރުމާގެ ފިލްމު 'ދޯސްތާނާ 2'ގެ ޓީމުން އެޑްވައިޓް ޗަންދަން ވަކިވެއްޖެ
ދަރުމާ ޕްރޮޑަކްޝަންއިން މަސައްކަތް ފެށުން ވަރަށް ބޮޑަށް ލަސްކުރެވިފައިވާ ފިލްމު "ދޯސްތާނާ 2"ގެ ޑައިރެކްޓަރަކަށް ފަހުން ހަމަޖެއްސި އަދުވައިތު ޗަންދަން އެ ފިލްމުގެ ޓީމުން ވަކިވެއްޖެއެވެ. "ވެރައިޓީ އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުން، އަދުވައިތު މި ފިލްމުން ވަކިވީ ފިލްމު އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ. އެގޮތުން ފިލްމާ މެދު އަދުވައިތު ގެންގުޅުނު ތަސައްވަރާއި، ޕްރޮޑިއުސަރުން ފިލްމު ކުރިއަށް ގެންދަން ބޭނުންވި ގޮތާ ދެމެދު އެއްބަސް ނުވެވުނީ ކަމަށް ވެރައިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި ވަކިވުމާ ގުޅިގެން ދެފަރާތުގެ މެދުގައި އޮތް އެކުވެރިކަމަށް ބުރުލެއް ނާރާ ކަމަށާއި، ޚިޔާލު ތަފާތުވުންތައް އައީ ހަމައެކަނި ފިލްމުގެ ފަންނީ މަސައްކަތްތަކުގައި ކަމަށް ދަރުމާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ދަރުމާގެ އިސްވެރިޔާ ކަރަން ޖޯހަރު އަދި ޑައިރެކްޓަރު އަދުވައިތު ޗަންދަން--ފޮޓޯ/އެމްއެސްއެން ދަރްމާ އަށް ތަރޫން މަންސުކާނީ 2008 ގައި 'ދޯސްތާނާ' ގެ ނަމުގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީއާ ގުޅުވައިގެން ހަދަން ނިންމާފައި އޮތް "ދޯސްތާނާ 2" އެންމެ ފުރަތަމަ އިއުލާނުކުރީ 2019 ވަނަ އަހަރުއެވެ. ފިލްމުގެ މަސައްކަތް ފެށީ ކޮލިން ޑި ކަންހާ ޑައިރެކްޝަނާ ހަވާލުކޮށް، ކާތިކް އާރިއަނާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ ލީޑަށް ނަގައިގެންނެވެ. ނަމަވެސް ފިލްމުގެ ވަކި ހިސާބަކުން ކާތިކް އާއި ދަރުމާގެ ބައެއް އިސްވެރިންނާ ދެމެދު މައްސަލަތަކެއްޖެހި ފިލްމުގެ ކާސްޓުން ކާތިކް ވަކިކުރިކަން އެ ކުންފުނިން އިއުލާނުކުރިއެވެ. އޭގެފަހުން ފިލްމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދަރުމާއިން ރަސްމީކޮށް ހާމަކޮށްފައިނުވާއިރު ފަހުގެ ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ކާސްޓަށް ކާތިކްގެ ބަދަލުގައި ގެންނަން ނިންމާފައި ވަނީ، އެކްޓަރު ވިކްރާންތު މަސީއެވެ. ނަމަވެސް އަދުވައިތު "ދޯސްތާނާ 2"ގެ ޓީމުން ވަކިވުމާ ގުޅިގެން ފިލްމުގެ ކުރިމަގާމެދު އަނެއްކާވެސް ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ