ހުވާ ނުކުރާކަމަށް ބުނި ފުލުސް މީހާގެ ބަންދުގެ މައްސަލަ ސުޕްރީމް ކޯޓަށް

ފުލުހުންގެ ވަޒީފާއަށް ވަނުމަށްޓަކައި، ހުވާ ކުރުމަށް އޮތް ރަސްމިއްޔާތުގައި ހުވައި ނުކުރާކަމަށް ބުނެ ވާހަކަ ދެއްކި އޮފިސަރުގެ ބަންދުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިއީ ގދ. ތިނަދޫއިން ވޭޕު ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް މުހައްމަދު ސާޖިދު އަހުމަދު، އޭނާ ފުލުހުންގެ މަގާމަށް ހުވާކޮށްފައިނުވާކަމަށް ހައިކޯޓުގައި ބުނެ ދޮގު ހެދި މައްސަލައެވެ.
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި މައްސަލައިގައި ސާޖިދުއަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ދަށު ކޯޓުން ކަނޑައެޅުމުން، އޭނާ އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި އޭނާ އަލުން ހައްޔަރުކޮށް ބަންދަށް 20 ދުވަސް ޖެހުމުން، އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.
ސާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވޭޕާއި އެފަދަ އާލާތްތައް ވިއްކުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. އެގޮތުން ކޯޓު އަމުރަކާއިއެކު ސާޖިދުގެ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހު، އެތަނުން އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި ވެއެވެ.
މި މައްސަލައިގައި ސާޖިދު ބަންދާއިމެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވެއެވެ. ތިނަދޫ ކޯޓުން ނިންމާފައި ވަނީ ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތްކަމަށެވެ. ނަމަވެސް، މި ނިންމުން ބަދަލުކުރުމަށް އެދި ދައުލަތުންވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުގައި ދައުލަތުން ބުނީ، އީ – ސިނގިރޭޓަކީ ގާނޫނީގޮތުން މަނާކުރެވިފައިވާ އެއްޗެއްކަމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ލިބިދެ އެވެ. އަދި މި ތުހުމަތު އަމާޒުވަނީ ފުލުހެއްގެ ވަޒީފާ އަދާކުރުމަށްޓަކައި އެ މަސްއޫލިއްޔަތުގެ ހުވާ ކޮށްގެން ހުރި މީހެއްގެ މައްޗަށްކަން ފާހަގަކުރިއެވެ. ދައުލަތުން ބުނީ ސާޖިދަކީ ގާނޫނުން ބަލައިގަންނަ ސްޕެޝަލް ކޮންސްޓަބަލްއެއްގެ ހުވާކޮށްފައިވާ އޮފިސަރެއްކަމަށާއި، ހުވާގެ އިގުރާތުގައި އޭނާ ސޮއިވެސް ކޮށްފައިވާކަމަށެވެ.
މި މައްސަލައިގައި ސާޖިދު ބުނި ގޮތުގައި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވީ ނަމަވެސް، ހުވާކޮށްފައި ނުވާނެ އެވެ. އެހެން އޮފިސަރުން ހުވާކުރި އިރު، އެތަނުގައި އޭނާ ހަމަހުރީކަމަށް ސާޖިދު ބުންޏެވެ. ހުވާ ނުކުރިޔަސް ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްއެއްގެ ވަޒީފާ އަދާކޮށް، ވަޒީފާގެ މުސާރަ ވެސް ނަގާފައިވާނެކަމަށް ސާޖިދު ވަނީ އެއްބަސްވެފައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުން ހައިކޯޓުގައި ވިދާޅުވީ، ރަސްމީ ގޮތެއްގައި ބޭއްވި ރަސްމިއްޔާތަކަށް ގާނޫނީގޮތުން ކުރަންޖެހޭ ހުވައެއް ކުރުމުގެ ގޮތުން ހާޒިރުވި މީހަކު އެތައް ދުވަހެއް ވަންދެން ވަޒީފާ އަދާކުރުމަށްފަހު ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް ހުވާ ނުކުރާކަމަށް ބުނުން ގަބޫލު ނުކުރެވޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ