ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް، ސްޓެލްކޯއިން ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުން ކުރިޔަށް!

ކުރިޔަށް އޮތް ރަމަޟާން މަހާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޓެލްކޯއިން ވަނީ ”އެކްސް“ ގައި ކުރި ޕޯސްޓުތަކެއްގައި ޕީކް ސީޒަނާއި، ރޯދައަށް ތައްޔާރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެގޮތުން ހިދުމަތް ދެމުންދާ ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑްގެ ގިނަ މައުލޫމާތުތައް ހިއްސާކޮށްފައި ވެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އަލަށް ގެނައި ޖެނެރޭޓަރުތައް ފޮނުވުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ވަނީ ފަށާފަ އެވެ.
ސްޓެލްކޯއިން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވ. ތިނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ރަށު އިންޖީނުގެއަށް ވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް، ހިދުމަތް ދޭން ފަށާފައެވެ. މި ބަދަލާއެކު ތިނަދޫގެ ޖަނަރޭޝަން ކެޕޭސިޓީ 1,539 ކިލޯވޮޓަށް އިތުރުވެގެން ދާނެ އެވެ.
އއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މަތިވެރިއަށް ގެންދިޔަ 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓު ބޭނުންކުރަން ފެށުމުން، ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަނީ 1,650 ކިލޯވޮޓަށް ވަނީ އިތުރުވެފަ އެވެ. އަދި އެ އަތޮޅު، އުކުޅަހަށް ވަނީ 1,000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް އިތުރުކޮށް، އެ ރަށުގެ ކެޕޭސިޓީ 2,564 ކިލޯވޮޓަށް މަތިކޮށްފައެވެ.
މީގެއިތުރުން ތޮއްޑޫގައި 1,000 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި ހިދުމަތް ދޭން ފެށުމުން، އެ ރަށުގެ ޖުމްލަ ކެޕޭސިޓީ މިހާރު ވަނީ 3,592 ކިލޯވޮޓަށް އިތުރުވެފަ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ކ. ގުރައިދޫގައި ވެސް 1,000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބަހައްޓައި ވަނީ ހިދުމަތް ދޭން ފަށާފައެވެ. މިއާއެކު ގުރައިދޫގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2,960 ކިލޯވޮޓަށް އިތުރުވެފައެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވިލިމާލޭގައި 1,200 ކިލޯވޮޓްގެ ޖެންސެޓެއް ބަހައްޓައި ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި އިތުރު 15 ޖެންސެޓް ބެހެއްޓުމުގެ އަމަލީ މަސައްކަތް ވެސް ސްޓެލްކޯއިން މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ