މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި 3000 މީހުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުން ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް އެ ޕާޓީއާ އިއާދަ ކުރަން ކޮމިޝަނުން ނިންމައިފި އެވެ. 
ލޭބާ ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށް ނާރާ ކަމަށް އިލެކްޝަންސް އިން ނިންމީ މާޗް، 2022، ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ސެޕްޓެމްބަރު 30، 2025، ގަ އެވެ.  
ކޯޓުގެ އެގޮތަށް ނިންމުމުން ސިޔާސީ ޕާޓީގެ ދަފުތަރަށް ލޭބާ ޕާޓ އިތުރު ކުރަން އިލެކްޝަންސް އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެ. ކޮމިޝަނުގެ ނިންމުން ލޭބާ ޕާޓީއަށް މިހާރު ވަނީ ރަސްމީކޮށް އަންގައިފަ އެވެ. 
ޕާޓީ އިއާދަ ކުރަން އިލެކްޝަންސް އިން ނިންމުމުން ލޭބާ ޕާޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައި ވަނީ ޕާޓީގެ ފިކުރާ ގުޅޭ ވީހައި ވެސް ގިނަ ބަޔަކު އެ ޕާޓީއާ ގުޅުމަށެވެ. 
"މިއީ މަސައްކަތްތެރިންގެ ހައްގުތަކާއި ސޯޝަލް ޑިމޮކްރަސީ އަދި ސޯޝަލް ޖަސްޓިސްގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ، ވައަތުފިޔައިގެ މެދުމިނުގެ [ސެންޓަރ ލެފްޓް] ސިޔާސީ ފިކުރުގެ ޕާޓީއެއް. މި ފިކުރުގެ އެންމެހައި ދިވެހީން މި ޕާރޓީއަށް ގުޅި މިޕާޓީ ހިންގުމަށް އެދެން،" ލޭބާ ޕާޓީއިން ބުނެފައިވެ އެވެ. 
ލޭބާ ޕާޓީ ރަޖިސްޓްރީ ކުރީ ޖެނުއަރީ 20، 2019، ގަ އެވެ. އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެވެ. އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވެސް އެ ޕާޓީ އުފެއްދުމުގައި މަސައްކަތް ކުރެއްވި އެވެ.
    
    ޕާޓީ އުވައިލީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުން ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓި އިއާދަކޮށްފި ޕާޓީ އުވައިލީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުން ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓި އިއާދަކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            