އެމްއެންޑީއެފްގެ ދެވަނަ އެއާ ސްޓޭޝަން ގާއިމުކުރަނީ ށ. ފުނަދޫގައި
އެމްއެންޑީއެފްގެ އެއާ ކޯގެ ދެވަނަ އެއާސްޓޭޝަން ށ. ފުނަދޫގައި ހަދަން ނިންމައިފި އެވެ.ރައީސް މުއިއްޒު މިކަން އިއުލާނުކުރެއްވީ ދިވެހި އަސްކަރިއްޔާގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ."މިއަދު މިތަން ހުޅުވިގެން މި ދިޔައީ. އަދި އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އުތުރުގަ. ށ. އަތޮޅު ފުނަދޫގައި ހަދަމުން މިދާ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް އެ ދަނީ ބާރު ސްޕީޑުގަ ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.އިއްޔެ ގަމުގައި ހުޅުވި ވައިގެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެ އެވެ. އެއާ ކޯގެ ޓީބީ-2 އެއާކްރާފްޓްތައް އުދުހުމަށް ހާއްސަވެފައިވާ އެއާ ސްކޮޑްރަން-2 ގެ މި އެއާ ސްޓޭޝަން ފަރުމާކޮށްފައި ވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްޤީކުރެވޭ ގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.އެމްއެންޑީއެފްގެ އެއާ އަކީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަޙައްދާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަން ޖެހޭ އޮޕަރޭޝަންތައް ހިންގުމަށް ހާއްސަ ބައެކެވެ.އެއާ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަރުކާރުން މި ފަހުން ގެނައި އާ ޑްރޯންތައް ވެސް ހުރީ ދައްކާލަން ފަހަތުގައި ބަހައްޓާފަ އެވެ. އެއާ ކޯގެ ޑްރޯން ފްލީޓުގައި މިހާރު ހަ ޑްރޯން އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ