އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް، 134 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް، އަންނަ އަހަރު 134.29 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން މާލިއްޔަތު ކޮމިޓީން ނިންމައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓު އޮތް ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ވެސް އިއްތިފާގުންނެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، އޮޑިޓަރު ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް އަންނަ އަހަރު 61.4 މިލިއަން ރުފިޔާ ބަޖެޓުކުރަން ވަނީ ހުށަހަޅައިފައެވެ. އަދި, ދަތުރުފަތުރަށް 10.4 މިލިއަން ރުފިޔާއާއި އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތަށް 12.9 މިލިއަން ރުފިޔާ އެ އިދާރާއިން ވަނީ ހުށަހަޅައިފައެވެ. މައިގަނޑު ގޮތެއްގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން އަންނަ އަހަރުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 89.7 މިލިއަން ރުފިޔާ ހުށަހެޅިއިރު އެއީ މި އަހަރު އެ އޮފީހަށް ދިން ބަޖެޓަށްވުރެ 11.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި, އަންނަ އަހަރު ކެޕިޓަލް ޚަރަދަށް 44.6 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު އެއީ މި އަހަރަށްވުރެ 23.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންކަމުން މި އަހަރު އޮޑިޓަރު ޖެނެރަލް އޮފީހަށް ދިން 99.5 މިލިއަން ރުފިޔާއަށް ވުރެ އަންނަ އަހަރު އެ އޮފީހަށް ދައުލަތުގެ ބަޖެޓުން 34.7 މިލިއަން ރުފިޔާ އިތުރަށް ދޭނެއެވެ. އޮޑިޓަރު ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަށް ބޮޑު އިތުރުވުމެއް އައީ ހުޅުމާލޭގައި ބިނާކުރާ އެ އޮފީހުގެ އާ އިމާރާތަށް ކުރާ 41.5 މިލިއަން ރުފިޔާގެ ޚަރަދު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުންނެވެ. މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމީ އޮޑިޓަރު ޖެނެރަލް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމަށެވެ. https://sun.mv/212348 ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އަންނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ޚާއްސަ ނުވަ އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ 94 އޮޑިޓެއް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި އދ. ގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ދޭތޯ 27 އޮޑިޓެއް ހިންގުމުގެ އިތުރުން ކައުންސިލްތަކުގެ ދަށުން ހިންގާ ކުންފުނިތަކުގެ 22 އޮޑިޓަކާއި އެކި ކުންފުނިތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓްގެ 16 އޮޑިޓެއް ހިންގޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާގެ ފަރާތުން ބުންޏެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އެ އިދާރާގެ ރިސޯސްތައް ހުންނަގޮތުން ބައެއް އޮޑިޓްތައް ޕްރައިވަޓައިޒްކުރަން ޖެހޭ ކަމަށާއި، ބައެއް އޮޑިޓްތައް އަހަރު ނިމޭއިރު ނުނިމި ލަސްވަނީ އެ ސަބަބާ ހެދި ކަމަށެވެ. ނިޔާޒީ ވިދާޅުވީ، މީގެ ކުރިން އެ އިދާރާއިން އަމަލުކުރަމުން އައި އުސޫލަކީ އޮޑިޓް ރިޕޯޓުގެ މަސައްކަތް ނިމުމުން އޭގެ ކޮލިޓީ ބަލައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުން ކަމަށެވެ. އެކަމަކު، މި އަހަރުން ފެށިގެން ދެން އެ އިދާރާއިން އަމަލުކުރާނެ އުސޫލަކީ އޭނާ އައްޔަންކުރައްވާ އޮޑިޓަރުންގެ މަސައްކަތް ގާތުން ބައްލަވައި ސީދާ އޮޑިޓް ރިޕޯޓުތަކުގައި އޭނާ ސޮއިކުރައްވާ ގޮތަށް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އޮޑިޓަރު ޖެނެރަލްގެ ދަށުން ހިންގާ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށާއި، ސަރުކާރު ކުންފުނިތައް އޮޑިޓްކުރާނީ އެ ކޮމިޓީން ނަގާ އޮޑިޓަރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ