ހަތަރު ސިޓީއާއި ވިލިނގިލީގައި ވަގުފު އިމާރާތްތަކަށް 68 މިލިއަން އިންވެސްޓްކުރަނީ

ފަސް ރަށެއްގައި ވަގުފު އިމާރާތްތައް އަޅަން އިންވެސްޓުކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަގުފު އިމާރާތުގެ ތްރީޑީ ކުރެހުންތަކާއެކު، ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވީ، އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި ވަގުފު ނިޒާމު ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ސިޔާސަތުގެ ދަށުން ފަސް ރަށެއްގައި ވަގުފު މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ. އެ ރަށްތަކަކީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރަށް ގއ. ވިލިނގިއްޔެވެ. އެ ރަށްތަކުގައި ވަގުފު އިމާރާތްތައް އެޅުމަށް އިންވެސްޓުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އިސްލާމިކް މިނިސްޓްރީން އަޅާ ވަގުފު އިމާރާތް ހުންނާނެ ގޮތުގެ ތްރީޑީ ކުރެހުމެއް: ފަސް ރަށެއްގައި ވަގުފުތައް އަޅަން، ޖުމުލަ 68 މިލިއަން އިންވެސްޓުކުރަނީ --- ފޮޓޯ/ މިނިސްޓަރު ޝަހީމް އައްޑޫއަށް 23 މިލިއަން އިންވެސްޓުކުރާއިރު، ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ވަގުފު ޕްރޮޖެކްޓަށް 15 މިލިއަން އިންވެސްޓުކުރާނެކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި، ތިނަދުއާއި ކުޅުދުއްފުށީގެ އިތުރުން ވިލިނގިލީގައި އަޅާ ވަގުފު އިމާރާތަށް 10 މިލިއަން ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. އެހެންވެ، ޖުމުލަ މި މަޝްރޫއުތަކަށް 68 މިލިއަން ޚަރަދުވާނެއެވެ. އެ ތަނުން ލިބޭ ނަފާ ޚަރަދު ކުރާނީ ގުރުއާނުގެ އިލްމު ފެތުރުން ހިމެނޭ ގޮތަށް އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. އެއާއެކު، މާލެ ސަރަހައްދުގައި ދެ މަޝްރޫޢެއް ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ނަފާ މުޅި ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މި ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ ޖަނަވަރީގައި ފެށޭނެކަން ޝަހީމް ފާހަގަކުރެއްވިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ ހަތަރެއްގައި، ސިޓީ ވަގުފާއި އަތޮޅު ވަގުފުގެ މަޝްރޫއެއް އިފުތިތާހުކޮށްފައެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ، އަތޮޅުތެރޭގައި ހިންގާ ވަގުފްގެ ކަންތައްތަކަކީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށެވެ. https://sun.mv/186949 އެ މަޝްރޫއުގެ ދަށުން ލިބޭ ހުރިހާ ފައިސާއެއް ހުންނާނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ