ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ކަމަށްޓަކައި އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޠިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސްއާއި، ކައުންސިލް އިދާރާގެ މެމްބަރުންނާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ހެލްތް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަަތަކީ، ސަރުކާރުން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫޢެކެވެ. 181.7 މިލިޔަން ރުފިޔާގެ މިމަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ