ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަށް ބަދަލުވުމުން މެންބަރުން އަލުން ހުވާކުރައްވައިފި

ތިނަދޫ ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން އެ ކައުންސިލްގެ މެންބަރުން އައު މަގާމުތަކުގެ ހުވާކުރައްވައިފިއެވެ.
ރަށު ކައުންސިލްގެ ރައީސާއި ނައިބު އަދި މެންބަރުން ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުންގެ ހުވާ ކުރެއްވީ ރޭ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ސިޓީ ކައުންސިލުގެ މެންބަރުންނަށް ހުވައި ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ނަޝާތަތު ޒަޢީމެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބުނުފަހުން ޤާނޫނަށް ގެނައި އިސްލާހާއެކު އެ ރަށު ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުރު ހަމަނުވަނީސް ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެ ރަށު ކައުންސިލެއް ސިޓީ ކައުންސިލަކަށް ބަދަލުވާނެއެވެ. ނަމަވެސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީގެ މަގާމު ވަނީ އެ ސިޓީގެ މޭޔަރަށް ބަދަލުވެފައެވެ. އަދި ނައިބު ރައީސަކަށް ހުންނެވި ނަސްރުﷲ އަލީގެ މަގާމު ވަނީ ޑެޕިއުޓީ މޭޔަރަށް ބަދަލުވެފައެވެ.
ސައުދު އަލީ- މޭޔަރ
ނަސްރުﷲ އަލީ- ޑެޕިއުޓީ މޭޔަރ
އަހުމަދު ވަހީދު- ސިޓީ ކައުންސިލް މެންބަރ
މުޙައްމަދު ޒަލީފް އަބްދުﷲ- ސިޓީ ކައުންސިލް މެންބަރ
އަހުމީމާ އަހުމަދު- ސިޓީ ކައުންސިލް މެންބަރ
އާމިނަތު ނަސީމާ- ސިޓީ ކައުންސިލް މެންބަރ
އައިޝަތު ލިއުޝާ ޒުބައިރު- ސިޓީ ކައުންސިލް މެންބަރ
ސިޓީ ކައުންސިލްގެ މޭޔަރު އަދި މެންބަރުން ވަނީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އިގްރާރުގައި ސޮއި ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް ވަނީ އައު މަގާމުތަކުގެ އިގުރާރުގައި ސޮއި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ