އިންޑިއާ ކަނޑުގެ ކޯޅުންތަކުގައި ރާއްޖެއިން ބެދިގެން ނުވާނެ: ނަޝީދު

ނަޝީދު ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ބޭރު ގައުމުތަކުގެ ހަނގުރާމަތަކާއި ދެބަސްވުމުގެ ނުސީދާ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ރާއްޖެ ކަމަށެވެ.
އިންޑިއާ ކަނޑުގެ ކޯޅުންތަކުގައި ރާއްޖެއިން ބެދިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގެން ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ފަހު، އިސްކޮށް ހަރަކާތްތެރިވާ ދަ ޑެމޮކްރޭޓްސްގެ މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި، ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ ކޯޅުންތަކުގައި ރާއްޖެއިން ބެދިގެން ނުވާނެ ކަމަށެވެ. އެ އަރައެރުންތައް ހުރަސްކޮށް "ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދޭނެ" ހިތްވަރާއި އަޒުމް ދިވެހިންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. "އެއިކީ ވަކި އަތަކަށް ފިރުކާލުމެއް ނުވަތަ ވަކި އަތަކަށް ދީލާލުމެއް ވެސް ނޫން. ދިވެހިން އެތައް ސަތޭކަ އަހަރެއް ވަންދެއް ކުރަމުން އައިކަމެއް. ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހި ރާއްޖޭގެ އިސްތިގުލާލް ދިވެހިން ހިފެހެއްޓުން" ރައީސް ނަޝީދު ވިދާޅުވި އެވެ. ދުނިޔެ މިވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައިކަމަށް ސިފަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމަކީ އިގްތިސާދުގެ ބޮޑުބައެއް ޓޫރިޒަމަށް ހިއްސާކުރާ ރާއްޖެއަށް ކަމަށެވެ. މިވާހަކަތަކަށް ފަހު ދެން އެމަނިކުފާނު ވިދާޅުވީ، ދަތި ކޮންމެ ދަނޑިވަޅެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ފުޅާކަމުގެ ވާހަކަ އެވެ. އަދި މަޖިލިސް އިންތިހާބުގައި ގޮތް ނިންމާއިރު އެކަމަށް ވިސްނައި ގާބިލް މީހުނަށް އިސްކަންދިނުމަށް އެދިވަޑައިގަތެވެ. "ތިބޭފުޅުން ހަނދާނުގައި ހުންނާނެ ކޮވިޑުގެ ނުރައްކާތެރިކަން ރާއްޖެއާ ދިމާވީމާ އަޅުގަނޑުމެން އަމަލުކުރާން ފެށި ގޮތް. ތިބޭފުޅުން ހަނދާނުގައި ހުންނާނެ އެއީ ރައްޔިތުންގެ މަޖިލީހުން ހިންގަމުން ދިޔަ ކަމެއް." ނަޝީދު ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ