ސިފައިންގެ ކޮމާންޑް ސާޖަންޓް މޭޖާ، އަޙްމަދު އަބްދުﷲ ރިޓަޔާކުރައްވައިފި

ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމުކަމުގައިވާ "ސާޖަންޓް މޭޖަ އޮފް އެމްއެންޑީއެފް"ގެ މަގާމު އަދާކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖާ އަޙްމަދު ޢަބްދުﷲ، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ، ކޮމާންޑް ސާޖަންޓް މޭޖާ އަޙްމަދު ޢަބްދުﷲ ވަނީ، މެއި 11، 1992އިން ފެށިގެން ގައުމީ ދިފާއީ ބާރުގައި 31 އަހަރަށް ޚިދުމަތް ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހި އަސްކަރީ ޚިދުމަތުގައި އޭނާ ވަރަށް ގިނަ ތަމްރީނުތަކެއް ފުރިހަމަ ކުރައްވާފައިވާކަން އެމްއެންޑީއެފުން ފާހަގަކުރިއެވެ. އޭގެތެރޭގައި އިންޑިއާއިން އިލެކްޓްރިކަލް އިންޖިނިއަރިން ކޯހަކާއި ރާއްޖެއިން ސްޕެޝަލް ޓާސްކް ފޯސް ޓްރެއިނިން އާއި، ޑްރިލް އިންސްޓްރެކްޓަރު ކޯހާއި ފިޒިކަލް އިންސްޓްރެކްޓަރު ކޯހާއި ބެލެންސް މެޓެލް އަދި އެންސީއޯ އެޑްވާންސް ކޯސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މީގެ އިތުރުން، ސްޓްރެޓެޖިކް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކުރައްވައި، ރާއްޖެއިން ބޭރުގައި ބޭއްވި ތަފާތު ގިނަ ސިމްޕޯޒިއަމްތަކާއި ކޮންފަރެންސްތަކުގައި އޭނާ ދިވެހި އަސްކަރިއްޔާ ތަމްސީލުކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. "ކޮމާންޑް ސާޖަންޓް މޭޖާ އަޙްމަދު ޢަބްދުﷲ އަކީ ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތްކުރައްވައި، ވަރަށް މުހިންމު އެޕޮއިންޓްމަންޓެއް ފުރުއްވާފައިވާ ނަމޫނާ ސީނިއާ އެންލިސްޓެޑް ލީޑަރެއް،" އަސްކަރިއްޔާއިން ބުންޏެވެ. https://twitter.com/MNDF_Official/status/1741568034719006923 އޭނާ ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިއިރު ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އެމްއެންޑީއެފުން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ