ބޮމުގެ ޙަމަލާ: އަލި މަނިކު ފަސް އަހަރަށް ޖަލަށް، ތަސްލީމަށް ކުރި ދައުވާ ސާބިތެއް ނުވި!

މެއި 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ދުވަހުން ފެށިގެން މިހާތަނަށް ވެސް ހުރީ ބަންދުގައެވެ. އެހެންވެ، އެ މުއްދަތު ހުކުމުން އުނި ކުރުމުން ބާކީ އަލި މަނިކު ހުކުމް ތަންފީޒު ކުރަން ޖެހޭނެ ދުވަހަކާއި ދެ އަހަރާއި ނުވަ މަހާއި 29 ދުވަހެވެ.
ތަސްލީމްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 1-27 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުން ކަމާއި މި މައްސަލައިގައި ތަސްލީމްގެ މައްޗަށް މި މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އާދަމަށް ގަބޫލު ކުރެއްވިގެންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ތަސްލީމްގެ ބައި ހައި ކޯޓުގައި އިސްތިއުނާފް ކުރުމާ މެދުގައި ގޮތެއް ނިންމާނެ ކަމަށެވެ.
2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ފިލި ނަމަވެސް ފަހުން އަތުލައިގަތެވެ. އަލި މަނިކުގެ މައްޗަށް އެ ފަހަރު ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ހުންނަވަނިކޮށް އޭނާއަށް މާފު ދިނީ މި މައްސަލާގައި އިއްވި ހުކުމަށެވެ. އޭގެ ފަހުން އަނެއްކާ ވެސް ހައްޔަރު ކުރީ، ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި، މޭ ހައެއް ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ