ޑރ. ޖަމީލް ބަލިކޮށް ވިލިމާލޭގެ ދާއިރާގެ ގޮނޑި އުޝާމް ކާމިޔާބު ކުރައްވައިފި

ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އާއި ވާދަކޮށް ވިލިމާލޭ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ކުރިމަތިލެއްވި މުހަންމަދު އުޝާމް ކާމިޔާބު ކުރައްވައިފިއެވެ. 
ޑރ. ޖަމީލް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. 
އުޝާމް މި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި މިވަނީ ހަތަރު ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މި އިންތިހާބުގައި އޭނާއާއި އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީ ޓިކެޓުގައި މި ދާއިރާއަށް ވާދަކުރެއްވި ޔާމީން އަހުމަދެވެ. އުޝާމް ގޮނޑި ކާމިޔަބު ކުރެއްވީ ސާޅީސް ތިން ޕަސެންޓްގެ ވޯޓު ޔަގީން ކޮށްގެންނެވެ.
ވިލިމާލެ ދާއިރާއަށް ތިންހާސް އެއްސަތޭކަ ހަތްދިހަ ހަތަރު މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރެއިން ވޯޓް، ލީ މީހުންގެ ތެރެއިން ސައްހަ ވޯޓުގެ ގޮތުގައި މިހާތަނަށް ގުނިފައިވަނީ އެއްހާސް ނުވަސަތޭކަ ތޭރަ ވޯޓެވެ. އަދި މިހާތަނަށް ތިރީސް ބާތިލް ވޯޓް މި ދާއިރާގެ ފޮށިން ގުނިފައިވެއެވެ.
މާލޭގެ ދާއިރާތަކުގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ނުވި ހަމައެކަނި ދާއިރާއަކީ މި ދާއިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ