ހުރިހާ ގައުމަކާ އެކު ގުޅުން ބޭއްވިޔަސް އެއްވެސް ބައެއްގެ ނުފޫޒަކަށް ބޮލެއް ނުލަބާނނަން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ހުރިހާ ގައުމަކާ އެކު ވެސް އެކުވެރިކަން ބާއްވާނެ ކަމަށާއި ނަމަވެސް އެއްވެސް ގައުމެއްގެ ނުފޫޒަށް ބޮލެއް ނުލަނބާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 9 ސެޕެޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން ދާއިރު، އިއްޔެ ގާސިމް ވަނީ އޭނާގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ގެންގުޅުއްވާނެ ގޮތާ ގުޅޭ ގޮތުން ޓުވީޓެއް ކުރައްވާފަ އެވެ. އެ ޓުވީޓުގައި ގާސިމް ވިދާޅުވީ އޭނާގެ ހާރިޖީ ސިޔާސަތަކަށް ވާނީ، ކުރީގެ ރައީސް އިބްރާހިމް ނާސިރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމަށެވެ.
ތަފްސީލު - އެ ޓުވީޓާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން ގާސިމް މިއަދު ވިދާޅުވީ، އޭނާގެ ހާރިޖީ ސިޔާސަތަކަށް ވާނީ އެއްވެސް ގައުމެއްގެ ނުފޫޒުގެ ތެރެއަށް ނުވެއްޓި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިފެހެއްޓޭނެ ސިޔާސަތަކަށެވެ. "ގައުމެއްގެ މިނިވަންކަމަކީ 1،000 ނިއުމަތު"ގެ ގޮތުގައި ސިފަކުރައްވަމުން ގާސިމް ވިދާޅުވީ އެ ނިއުމަތް ބީވެގެން ދާން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ.
"އިބްރާހިމް ނާސިރުގެ ޕޮލިސީގައި އެއްވެސް ގައުމެއްގެ އުނގަށް ވެއްޓުނުތަ؟ މައުމޫން ވެއްޓުނުތަ؟... އެހެންވީމަ އެއްވެސް ބައެއްގެ އަތްމައްޗަށް ދާން ނުޖެހޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު މި ދެނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ ހާރިޖީ ސިޔާސަތުގައި، ކަންކަން ނިންމެވުމުގައި، އަބަދު ވެސް އިސްކުރައްވާނީ ރާއްޖޭގެ މަސްލަހަތު ކަމަށެވެ. އަދި ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރެއްވުމުގައި ވެސް ގެންގުޅުއްވާނީ ވަކި ފަރާތަކަށް ބަރޯސާ ނުވާ ސިޔާސަތު ކަމަށެވެ.
ގާސިމް ވިދާޅުވީ، އިސްލާމް ދީނުގައި ވެސް ގޮވާލާފައި ވަނީ އެކުވެރިކަމަށް ކަމަށާއި އޭނާގެ ވެރިކަމެއްގައި ވަކި ގައުމެއް ރުޅި އަރުވައި ޖައްސައި ވެސް ނުލާނެ ކަމަށެވެ.
"އަހަރެމެން ވަކި ބަޔަކާ ރުޅިއެއް ނޫން. ވަކި ބަޔަކާ ދެކޮޅު ހަދައިގެން ތިބި ބައެއް ނޫނޭ މި ބުނަނީ. ގައުމުގެ އިސްތިގުލާލާއި މިނިވަންކަމާއި ދީން، މިކަންކަން ކާބަފައިން ފޯރުކޮށްދިން ގޮތަށް އެ ގޮތުގައި ދެމިތިބުމަށް ބޭނުންވަނީ،" ގާސިމް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމު ހިންގާ އިޒްރޭލާ ރާއްޖެއިން ގުޅުން ގާއިމްކުރި އެވެ. ގާސިމްގެ ޓުވީޓާ ގުޅިގެން، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އިޒްރޭލާ ގުޅުން ގާއިމްކުރާނެތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ.
އެކަމާ ގުޅޭ ގޮތުން ގާސިމްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އޭގެ ފަހުން އިޒްރޭލާ ގުޅުން ކަނޑާލި ކަމަށެވެ. އެހެންކަމުން، އިޒްރޭލާ ގުޅުން ގާއިމްކުުރުމަށް އޭނާ ވެސް ތާއީދުނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެ ޓުވީޓްގައި އެ ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމުނުދާ ވާހަކަތޯ ސުވާލުކުުރުމުން ގާސިމް ވިދާޅުވީ، "މީހަކު މާނަ ނަގާ ގޮތަކަށް ނަގަން ވީ" ކަމަށެވެ.
އެނގުން މުހިންމު - މި ސަރުކާރުން އިންޑިއާގެ "އުނގަށް ވެއްޓި"، ހާރިޖީ ސިޔާސަތު އެއްކޮޅަކަށް ވަރަށް ބޮޑަށް ބުރަވެފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް، ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ