ކޮސޯވޯ ކައިރިއަށް އެއްކުރަމުންދާ ސާބިއާގެ ލަޝްކަރުތަކާ މެދު އެމެރިކާގެ ކަންބޮޑުވުން

ކޮސޯވޯގެ ބޯޑަރު ކައިރިއަށް ކުރިން ނުފެންނަ މިންވަރަކަށް ސާބިއާ އިން އަސްކަރީ ބާރުތައް އެއްކުރަމުންދާ ކަމަށް ބުނެ، އެ ލަޝްކަރުތައް ފަހަތަށް ޖެއްސުމަށް އެމެރިކާ އިން ސާބިއާ އަށް ގޮވާލައިފި އެވެ.
ކޮސޯވޯގެ އުތުރުގައި ހުރި މޮނާސްޓްރީއެއްގައި މިދިޔަ ހަފްތާބަންދުގައި ހިނގި ހަމަނުޖެހުންތަކަކަށް ފަހު ސާބިއާ އިން އަސްކަރީ ޓޭންކުތަކާއި ހަތިޔާރު ކޮސޯވޯ ބޯޑަރު ކައިރިއަށް އެއްކޮށްފައިވާ ކަމަށް ވައިޓްހައުސް އިން އިންޒާރު ދިނީ އިއްޔެ އެވެ.
އެ ހަމަނުޖެހުމުގައި ކޮސޯވޯގެ ފުލުހަކާއި ސާބިއާގެ ހަތިޔާރު އެޅި ތިން މީހަކު ވަނީ މަރުވެފަ އެވެ. މިއީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއް ތެރޭ ސާބިއާ އާއި ކޮސޯވޯއާ ދެމެދު ނުތަވަނަސްކަން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. 
"ކޮސޯވޯ ބޯޑަރު ކައިރިއަށް ސާބިއާ އިން އެއްކުރަމުންދާ އަސްކަރީ ބާރުތަކުގެ ހަރަކާތްތައް އަހަރެމެން މިދަނީ ބަލަމުން،" ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ތަރުޖަމާނު ޖޯން ކާބީ ރިޕޯޓަރުންނަށް ވިދާޅުވި އެވެ.
"އަހަރުމެން ގަބޫލުކުރާ ގޮތުގައި މިއީ މައްސަލަ އިތުރަށް ހޫނުވާނެ ކަމެއް. ބޯޑަރު ކައިރިއަށް އެއްކުރަމުންދާ ބާރުތައް ދުރުކުރުމަށް އަހަރެމެން ގޮވާލަން،" ކާބީ ވިދާޅުވި އެވެ.
ސާބިއާގެ ލަޝްކަރުތައް ކޮސޯވޯ ބޯޑަރު ކައިރިއަށް އެއްކުރަމުން އަންނަތާ ހަފްތާއެއް ވެއްޖެ ކަމަށާއި މީގެ ސަބަބެއް އަދި އެނގިފައި ނުވާކަން ވެސް ކާބީ ފާހަަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ސާބިއާގެ ރައީސް އެލެކްސެންޑާ ވުޗީކް އަށް ފޯނުން ގުޅުއްވައި، މަސްލަހަތު އިތުރަށް ގޯސްވިޔަނުދީ މަޝްވަރާ އިސް ކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް ވުޗީކް ވަނީ ކޮސޯވޯގެ ބޯޑަރު ކައިރިއަށް އަސްކަރީ ބާރުތައް އެއްކުރަމުންދާ ކަމަށް ބުނާ ވާހަކަ  ދޮގުކުރައްވާފަ އެވެ. 
"މީގެ ދެތިން މަސް ކުރިން ހުރި ސިފައިންގެ މިންވަރުގެ ދެބައިކުޅަ އެއްބައި ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ސާބިއާގެ ދިފާއީ ވަޒީރާއި ހަތިޔާރު އެޅި ސިފައިންގެ ވެރިޔާ "ޑިޕްލޮއިމަންޓް ޒޯން" އަކަށް ވަޑައިގެންފައިވާ ކަމަށް ސާބިއާ އިން ވަނީ ބުދަ ދުވަހު އިއުލާނުކޮށްފަ އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ބެލްގްރޭޑުން ދީފައެއް ނުވެ އެވެ.
ކޮސޯވޯގެ މޮނާސްޓްރީގައި ހިންގި ހަމަލާ ބަދަލުކުރުންތަކުގެ ފަހަތުގައި ވަނީ ބެލްގްރޭޑް ކަމަށް ކޮސޯވޯގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ކޮސޯވޯގައި ހަރަކާތްތެރިވާ ސާބް ޕާޓީގެ މެމްބަރަކު، އެ ހަމަލާތަކުގައި ބައިވެރިވި މީހުންނަށް އެހީތެރިވެދީފައިވާ ކަމަށް އޭނާގެ ވަކީލު ވަނީ ހުކުރު ދުވަހު ވިދާޅުވެފަ އެވެ.
ނޭޓޯ އިން ކޮސޯވޯގައި ސުލްހަ ބެލެހެއްޓުމަށް ބަހައްޓާފައި ތިބި ސިފައިންގެ އަދަދު މި ހަމަލާއާ ގުޅިގެން އިތުރު ކުރާނެ ކަމަށް ކާބީ ވިދާޅުވި އެވެ. އަދި މިހާރު އުފެދިފައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ނޭޓޯ ތައްޔާރަށް އޮތް ކަމަށް އެ އިއްތިހާދުގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް ވަނީ ވިދާޅުވެފަ އެވެ.
ކޮސޯވޯގެ އަލްބޭނިއާ ނަސްލުގެ މެޖޯރިޓީ އާއި ސާބިއާ ނަސްލުގެ މައިނޯރިޓީއާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާތާ މަސްތަކެއް ވަނީ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ