ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް މަހުގެ އަގު މަތިކުރަން ހާއްސަ އެޖެންސީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން "ޑރ. މުއިއްޒު ރައްޔިތުންގެ ގާތަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގަސްދުގައި މަސްވެރިކަމުގެ ސިނާއަތް އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ސަރުކާރެއްގައި މަސްވެރިކަން އަލުން ދިރުވައި ގައުމުގެ ލޭނާރަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކޮށް ވެލިއު އެޑްކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުން، މަސްވެރިކަމުގެ ދާއިރާއަކީ ޓޫރިޒަމް ދާއިރާއާ އެއް ވަރަށް ފައިސާ ލިބިގެންދާނެ ސިނާއަތަކަށް ވެގެންދާނެ ކަމަށެވެ. އެއީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކޮށްފިނަމަ ކާމިޔާބުވާނެ ކަމެއް ކަމަށާއި އެކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުގެ އެޖެންސީއެއް އުފައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި މަސްވެރިކަން ޕްރޮމޯޓް ކުރަން އުފައްދަވާ އެޖެންސީން ރާއްޖެއިން އެކި ގައުމުތަކާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުންތަކުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށާއި އަދި ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެ ކުރުމަށް މިހާރު ދިމާވާ ދަތިތައް ނައްލާތުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވަނީ މިހާރު ހުރި ކޯލްޑް ސްޓޯރޭޖުތަކުގެ ކެޕޭސިޓީ ދެ ގުނަ ބޮޑުކޮށް، ސަރުކާރު ހިއްސާވާ މަސް ކުންފުނިތަކުގެ ފެކްްޓްރީތައް ވަރުގަދަކޮށް ކޭނިން އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އިތުރު ދެ ފެކްޓްރީ އައްޑޫ ސިޓީ، ހުޅުމީދޫގައާއި ދ. އަތޮޅުގައި ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސްވެރިކަން ޕްރޮމޯޓް ކުރަން ހާއްސަ އެޖެންސީއެއް އުފައްދާނަން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ