ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަނެއް ނުބާއްވާނެ: އީސީ

ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަނެއް ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިން މޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ނޮވެމްބަރު މަހުގެ 17ގައި ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމުން އެ ދާއިރާގެ ގޮނޑި ހުސްވާނެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، މިހާލަތުގައި ކަންތައް ކުރުމަށް ގާނޫނޫ އަސާސީގައި ބަޔާންކުރާ ގޮތް ހާމަކުރައްވާފައެވެ. ގާނާނު އަސާސީގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންޖެހޭނެ ކަމަށެވެ. އެކަމަކު، މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިޚާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ، ކުރު މުއްދަތެއްކަމުގައި ވަނީ ނަމަ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވެއެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވީ އޭޕްރިލް ހަޔެއްގައެވެ. މީގެ ކުރިން އީސީން ވަނީ އަންނަ އަހަރު ވެސް މަޖިލިސް އިންތިޚާބު އޭޕްރިލް މަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ