ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމްގެ ސަފީރުކަން ދިޔާނާއަށް ދެނީ

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުުރަން ކުރީގެ އެޓާނީ ޖެނެރަލް، ފާތިމަތު ދިޔާނާ ސައީދުގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.
ރިފަރެންޑަމް ވޯޓުގައި "އާނއެކޭ" ބުނަން ސަރުކާރާ އެއްކޮޅަށް ވަކާލާތުކޮށްދެއްވި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވީ މިއަދު އެވެ. އޭނާގެ ނަން އިތުރަށް ދިރާސާ ކުރުމަށް މިހާރު ވަނީ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ކެބިނެޓުން ވަކިކުރި ތޯރިގު އިބްރާހިމާއި އާދަމް ޝަރީފްގެ އިތުރުން ކުރީގެ އޭޖީ ދިޔާނާ ސައީދު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައި މި ވަނީ ތޯރިގާއި އާދަމް ޝަރީފް މިނިސްޓަރު ކަމުން ވަކިކުރިތާ ދެ ހަފުތާ ވެސް ނުވަނީސް.
ދިޔާނާއަކީ މި ސަރުކާރުގެ ވަޒީފާއެއްގައި މީގެ ކުރިން ހުންނެވި ބޭފުޅެއް ނޫނެވެ. ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް އޭނާ އައްޔަނުކުރީ ރެފަރެންޑަމް ވޯޓަށްފަހު، ކެބިނެޓުން ވަކިކުރި އާދަމް ޝަރީފް އާއި ތޯރިގު އިބްރާހިމް އާއެކު އެވެ.
ރިފަރެންޑަމް ވޯޓާ ހަމައަށް ވެސް ދިޔާނާ ފެނިގެން ދިޔައީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް، ރިފަރެންޑަމް ވޯޓުގައި "އާނއެކޭ" ބުނުމަށް ވަކާލާތުކޮށް ކެމްޕޭނު ކުރަން ފެށިފަހުން އޭނާ ވަނީ މި ސަރުކާރުގެ ސިޔާސަތުތައް ވެސް ދިފާއު ކުރައްވައި ވާހަކަދައްކަވައިފަ އެވެ. އެއާއެކު އޭނާއަށް އާންމުންގެ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވި އެވެ.
ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު ތިން ބޭފުޅަކަށް ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ