މީގެ 74 އަހަރު ކުރިން، ޕޯޓެ ރީކޯ ކައިރިއަށް ވެއްޓި 52 މީހުން މަރުވި މަތިންބޯޓު ކަނޑުގެ 2،000 ފޫޓް އަޑިން ފެނިއްޖެ އެވެ.
ފްލައިޓް ނައްޓާލުމުގެ ކުރިން ދޭ "ޕްރީ-ފްލައިޓް ސޭފްޓީ ބްރީފިން" މަޖުބޫރުކުރުން ފަދަ އޭވިއޭޝަން ސޭފްޓީގެ ބޮޑެތި އިސްލާހުތަކެއް އަންނަން މެދުވެރިވި ޕޭން އެމްގެ މި ބޯޓު އިމަޖެންސީގައި ކަނޑަށް ޖެއްސުމާ އެކު އަޑިއަށް ގޮސް ގެއްލުނު ހިތާމަވެރި ހާދިސާއަށް ފަހުގަ އެވެ.
ޑަގްލަސް ޑީސީ-4 މަރުކާގެ މި ބޯޓުގެ ބައިތައް ފެނުނީ ޕޯޓެ ރީކޯގެ އުތުރު އައްސޭރިފަށުން ކަނޑުގެ 2,000 ފޫޓު (ގާތްގަނޑަކަށް 600 މީޓަރު) އަޑިންނެވެ.
އެޕްރީލް 11، 1952 ގައި، ޕޯޓެ ރީކޯގެ ސަން ހުއާން އިން ނިއު ޔޯކްގެ އައިޑްލްވައިލްޑް އެއާޕޯޓަށް (މިހާރުގެ ޖޭއެފްކޭ އެއާޕޯޓަށް) ދަތުރުކުރި ޕޭން އެމް ފްލައިޓް 526A ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަނާތްފަރާތުގެ ދެ އިންޖީނުގެ މައްސަލަޖެހުނެވެ.
ބޯޓުގައި 64 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ތިބިއިރު، ޕައިލެޓަށް މަޖުބޫރުވީ ބޯޓު ކަނޑަށް ޖައްސާށެވެ. ބޯޓު ކަނޑަށް ޖެއްސި ވަގުތު އޭގެ ފަހަތުކޮޅު ވަކިވެގެން ދިޔަ ނަމަވެސް، އެންމެންވެސް ތިބީ ސަލާމަތުންނެވެ. ނަމަވެސް، އޭރު ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދު (ސޭފްޓީ ބްރީފިން) ދީފައި ނުވުމާއި، ލައިފް ޖެކެޓުތައް ހުރި ތަންތަން ނޭނގުމުގެ ސަބަބުން ބޯޓު ތެރޭގައި ބޮޑު ހާސްކަމެއް އުފެދުނެވެ.
ގަދަ ރާޅުތަކުގެ ތެރޭގައި ބޯޓަށް ފެންވަދެ، އެންމެ ތިން މިނެޓު ތެރޭގައި ބޯޓު އަޑިއަށް ދިޔައީ އެވެ. އެ ހާދިސާގައި 17 މީހުން ސަލާމަތްވި ނަމަވެސް، 52 މީހުން ވަނީ ކަނޑަށް ގެނބިގެން މަރުވެފަ އެވެ.
މި ބޯޓު ހޯދުމުގެ ކުރިއަށްގެންގޮސްފައިވަނީ އެއާ/ސީ ހެރިޓޭޖް ފައުންޑޭޝަން އާއި، ޑީޕް ސީ ވިޒަން އަދި ޑިސްކަވަރީ ޗެނަލްގެ މަޝްހޫރު "އެކްސްޕެޑިޝަން އަންނޯން" ޓީމް ގުޅިގެންނެވެ.
މި ހާދިސާއަކީ މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް އިންގިލާބީ ބަދަލުތަކެއް އައި ހާދިސާއެކެވެ.
އޭވިއޭޝަން ސޭފްޓީ އެކްސްޕާޓް ޖޯން ކޮކްސް ފާހަގަކުރެއްވި ގޮތުގައި، މިއަދު ކޮންމެ ކޮމާޝަލް ފްލައިޓެއް ނައްޓާލުމުގެ ކުރިން ފްލައިޓް އެޓެންޑެންޓުން ދޭ "ޕްރީ-ފްލައިޓް ސޭފްޓީ ބްރީފިން" (އިމަޖެންސީގައި ނުކުންނާނެ ދޮރުތަކާއި، ލައިފް ޖެކެޓު އަޅާނެ ގޮތުގެ އިރުޝާދު) މަޖުބޫރުކުރީ މި ހިތާމަވެރި ހާދިސާއަށްފަހުގަ އެވެ.
އޭގެ އިތުރުން، ބޯޓުފަހަރުގައި ބަހައްޓާ ލައިފް ޖެކެޓުތަކާއި ލައިފް ރާފްޓްތައް ފަސޭހައިން ނެގޭނެ ގޮތްތައް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބަދަލުތައް އަޔެވެ.
ވީނުވީއެއް ނޭނގި 74 އަހަރު ވަންދެން އޮތް މި ބޯޓު ފެނުމާ އެކު، ހާދިސާގައި މަރުވި 52 މީހުންގެ އާއިލާތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. މީގެ އިތުރުން، އެކްސްޕްލޯރާ ނިއުސް ޓީމުން ބުނެފައިވަނީ މި ހޯދުމަކީ މެލޭޝިއާ އެއާލައިންސް ފްލައިޓް އެމްއެޗް370 ފަދަ ކަނޑަށް ވެއްޓި ގެއްލިފައިވާ އިތުރު ބޯޓުތައް ހޯދުމަށް ވެސް ލިބުނު އާ އުއްމީދެއް ކަމަށެވެ.
ވެއްޓުނު މަތިންދާބޯޓެއް 74 އަހަރު ފަހުން ކަނޑުގެ 2،000 ފޫޓް އަޑިން ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ