ކަރަންޓު ބިލުގެ ތެރެއަށް ވެމްކޯ ކުނި ނެގުމުގެ ބިލު އެއްކޮށްލަނީ

ވެމްކޯއިން ގޭގެއަށް ދޭ ކުނި ނެގުމުގެ ޚިދުމަތަށް ބިލު ނުދައްކާ ގިނަ ގޭބީސީތަކެއް ހުރުމުން، އެ ކަމަށް ހައްލެއްގެ ގޮތުން ވެމްކޯ ކުނި ނެގުމުގެ ޚިދުމަތުގެ ބިލު ވެސް ކަރަންޓު ބިލުގެ ތެރެއަށް ލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. މިކަމާ ގުޅިގެން ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންޞާރު "ސަން"އަށް މިއަދު ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ އާ ގާނޫނުގެ ދަށުން އެއީ ޔުޓިލިޓީ ޚިދުމަތެއްކަމަށެވެ. އެހެންކަމުން އެ ކަން ބަލަހައްޓައި ރެގިއުލޭޓުކުރާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)އިން ކަމަށް އަންޞާރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެން މީގައި ވިސްނީ އެންމެ ރީޗް ބޮޑުވާނީ ކަރަންޓު މީޓަރު ނޫނީ ފެން މީޓަރުންނޭ. އޭގެ ތެރޭގައި ހުރިހާ ތަނެއްގައި ވެސް އެބަހުރޭ ކަރަންޓު މީޓަރު ބެހެއްޓިފައި. އެހެންވީމާ ސްޓެލްކޯ ބިލާއެއްކޮށް ޓައި ކުރެވިއްޖެނަމަ ވެމްކޯއަށް އެ ހުރިހާ ރީޗެއް ލިބޭނެކަމަށް ވިސްނައިގެން އެ ގޮތުގެ މަތިން މި ކަން ކުރަނީ،" އަންޞާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވެމްކޯއިން ވެސް އެ ކަމަށް އެދި ޔޫއާރްއޭއަށް ހުށަހަޅައި އެކަމަށް އެ އޮތޯރިޓީގެ އެންޑޯޒްމަންޓް މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މި ކަން ކުރުމަށް ޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމެވެ. އެގޮތުން އަންޞާރު ވިދާޅުވި ގޮތުގައި މިހާރު މަޝްވަރާ ކުރަމުން އަންނަނީ، ދެ ތަނުގެ ބިލު އެއްކޮށްލުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ. "މީގެން ދެން އެޗީވްވާ އެއްޗަކީ، ރަޖިސްޓާޑް ހައުސް ހޯލްޑްސްގެ ތެރޭ އެބައުޅޭ 25،000 ވަރު. އޭގެ ތެރެއިން ބިލު ދައްކަނީ 70 ނުވަތަ 80 ޕަސެންޓު މީހުން. ދެން މީގައި މިވާ އެއްޗަކީ ރަޖިސްޓަރު ނުކުރާ ބައިވަރު ގޭބީސީ އެބަހުރި. ދެން އެންމެނަށް ވެސް އެނގޭ ކުނި ނަގަން އަންނަ ގަޑި. އެކަމު އެ މީހުން ވެސް އެބަ ކުނި ބާލައި ހަމަ އެ ގަޑީގައި، އެހެންވެ ވެސް އެބަ މި މައްސަލަ ދިމާވޭ،" އަންޞާރު ވިދާޅުވިއެވެ. ވެމްކޯއިން މީގެ ކުރިން ވެސް ވަނީ އެ ކުންފުނީގެ ޚިދުމަތް ބޭނުންކުރުމަށްފަހު، އާންމުން ފައިސާ ނުދައްކާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ސަބަބުން ޚިދުމަތް ފޯރުކޮށްދޭން ދަތިވާކަމަށް ވެސް ވެމްކޯއިން ބުންޏެވެ. އެއާއެކު މާލޭ ތެރެ ސާފުކުރުމަށް މާލޭ ސިޓީ ކައުންސިލާއެކު ވެމްކޯއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، މިހާރު އެ ކަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނާތީ ވެސް ދެ ތަނުގެ ދެބަސްވުމެއް އަންނަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ