ނިލަންދޫގެ 22 އަހަރުވީ އިންޖީނުގެ ނިއްވާލައި, ބަދަލުގައި ދެގުނަ ބޮޑު ޒަމާނީ އިންޖީނުގެއެއް!

ގއ. ނިލަންދޫގެ 22 އަހަރުވީ އިންޖީނުގެ ނިއްވާލައި, އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
އެ މަނިކުފާނު އެ އިންޖީނުގެ ހުޅުވައިދެއްވީ ހުވަދުއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެންނެވެ.
އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ނިލަންދޫގައި ކުރިން އިންޖީނުގެ ހިންގަމުން އައީ މީހުން ދިރިއުޅޭ ހިސާބުގައި ހުރި 78 އަކަމީޓަރުގެ ތަންކޮޅެއްގަ އެވެ. އޭރު އެތަނުގައި ހުރީ 550 ކިލޮވޮޓްގެ ޖެންސެޓެކެވެ.
ނަމަވެސް އާންމުންގެ ތެރޭގައި ހުރި ބާ އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންދިއުމަށް މި ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިލަންދޫގައި ހަދާފައިވާ އާ އިންޖީނުގެއަކީ ކުރިން ހުރި އިންޖީނުގެއަަށްވުރެ ދެ ގުނަ ބޮޑު, 179 އަކަމީޓަރުގެ އިންޖީނުގެ އެކެވެ.
އެތަނުގައި 34 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭ އިރު, އިންޖީނުގެ ހަދާފައިވަނީ ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ވޯކްޝޮޕަކާއި ސްޓޯރޭޖަކާއި ޕޭންޓްރީ, ފާހާނާ, ޗިމްނީ, ޑޭ ޓޭންކް އަދި ޑީސަލް ޓޭންކަކާއެކު އެވެ.
އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި މެނޭޖާ ރޫމަކާއި ރިސެޕްޝަން އަދި ލޮބީ އޭރިއާއަކާއި ޖެނެރަލް އޮފީހަކާއި ސްޓޯރޭޖް ރޫމެއްގެ އިތުރުން ޕޭންޓްރީ, ޓެކްނިކަލް ސްޓާފް ރޫމް އަދި ފާހާނާއެއް ހުރެ އެވެ.
އާ އިންޖީނުގެއާއެކު ނިލަންދޫގެ ޖެންސެޓްގެ ކެޕޭސިޓީ ވަނީ 1050 ކިލޮވޮޓަށް އިތުރުކޮށްފަ އެވެ. އަދި އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޮވޮޓްގެ ތިން ޖަނަރޭޓަރު ސެޓް ބެހެއްޓޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ