ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މި މަހު 14ގައި ބާސެލޯ ނަސަންދުރަ މާލޭ ހޮޓަލުގައި ބާއްވާ މި އެވޯޑް ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދޭނެ އެވެ.
ތަފްސީލް - ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބީޓުބީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސްެ އެވޯޑްސްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ.
މިއަހަރު 450އަށް ވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000އަށް ވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މި އެވޯޑްސްއަށް ލިބެމުންދާ ތާއީދާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.
ބުނީ ކީކޭ؟ - "ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވި އެވެ.
"މި ދާއިރާއަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، މި ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއް ވެސްމެ."
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. 
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު 1 ޖެނުއަރީން 10 ފެބްރުއަރީއަށް ހަމަވިއިރު، 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެ އެވެ.
މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ.
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަޝިޕްގެ ދަށުން ބާއްވާ މިއަހަރުގެ އެވޯޑަށް އަލަށް ހަތަރު ކެޓަގަރީއެއް އިތުރުކޮށްފައިވެ އެވެ. އެގޮތުން، ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ، ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ، އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ އަދި ރިސޯޓް މެނޭޖާ އޮފް ދަ އިޔާގެ އެވޯޑު ހިމެނެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)
ޑިޖިޓަލް ޕާޓްނަރު: ދިރާގު
ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
އެސޯސިއޭޓް ސްޕޮންސަރުން: އެލިއާ އިންވެސްޓްމަންޓްސް އަދި މެޓަލްސައިންސް
އޯގަނައިޒިން ޕާޓްނަރު: ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް
މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ
ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ