ކުރިއަށްއޮތް ދުވަސްތަކުގައި ވިއްސާރަކުރާނޭކަމަށް ލަފާކުރެވޭ: މެޓް

ކުރިއަށް އޮތް ހަފުތާ ތެރޭގައި ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. 
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ވައިގަދަ ވާނޭކަމަށާއި އަދި ކަނޑުތައް ވެސް ގަދަ ވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
މާދަމާއަކީ ހުޅަނގު މޫސުމުގެ މިއަހެލި ނަކަތް ފެށޭ ދުވަހެވެ. މި ނަކަތުގެ ދުވަސްތަކުގައި ގަދަ ވަޔާއެކު ވިއްސާރަ ކުރާނޭކަމަށް ދުވަސްވީ މީހުން ބުނެއުޅެއެވެ. އެގޮތުން މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ގަދަ ވިއްސާރަ ފެށޭ ނަކަތެވެ. މި ނަކަތުގައި ކަނޑުތައް ވަރަށް ގަދަވާނެއެވެ. ޢާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތް ޖޫންމަހުގެ 16ގެ ނިޔަލަށް ދެމިގެންދާނެއެވެ.
ޢީދާއި ދިމާކޮށް ގިނަ ބަޔަކު ރަށުން ބޭރަށް ދާނެތީ، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ކަނޑު ދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެއްކުރުމާއި، ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް އުޅަނދަށް މީހުންނާއި މުދާ ނޭރުވުމާއި، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތަށް ފުރިހަމަވޭތޯ ޔަގީންކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ