ބޮޑު ޑިޖިޓަލް އިންޤިލާބެއް ގެނެސް، ހުރިހާ ރެކޯޑެއް ވަގުތުން ބެލޭނެ ގޮތް ހަދާނަން - ރައީސް

ޒަމާނީ ބޮޑު ޑިޖިޓަލް އިންގިލާބީ ބަދަލެއް ގެނެސް، ހުރިހާ ރިކޯޑެއް ވަގުތުން ބެލޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް އައިޑީ އެއްގެ ގޮތުގައި އީ-ފާސް ތަރައްޤީ ކުރެވިފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސްތަކާއި ހަމަ ކުރެވޭ މިންވަރަށް ޑިޖިޓަލް އައިޑީ ތަރައްޤީކޮށް އީފާސްގެ އާކިޓެކްޗަރ ހަރުދަނާ ކުރެވިފައި އަދި ނެތްކަމަށެެވެ.
އެހެންކަމުން، މި ދާއިރާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން ތަރައްޤީކޮށް ކުރިއަރުވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޯޕަން ޑާޓާ ޝެއަރިންގް ޕްލެޓްފޯމް ތަރައްޤީކޮށް ޑިޖިޓަލް އައިޑެންޓިޓީގެ ޒަރިއްޔާއިން ޚިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނޭ ގޮތަށް މުޅި ސިސްޓަމް ބައްޓަންކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ގޮތުން އޯޕަން ޑާޓާ ޝެއަރިންގް ޕްލެޓްފޯމް ތަރައްޤީކޮށް ޑިޖިޓަލް އައިޑެންޓިޓީގެ ޒަރިއްޔާއިން ޚިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނޭ ގޮތަށް މުޅި ސިސްޓަމް ބައްޓަންކުރަން ވަނީ ޖެހިފައި. 21 ވަނަ ޤަރުނުގެ ދިވެހިރާއްޖެއަށް މި ޒަމާނީ ބޮޑު ޑިޖިޓަލް އިންޤިލާބީ ބަދަލު ގެންނަން އަޅުގަނޑު ބޭނުން." ރައީސް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދާނެކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި މީހުންނަށް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސިޓީތަކާއި އެހެނިހެން ފޯމުތައް ހުށަހެޅުމަށް އިސްރާފުވެ ގެއްލިގެންދާ ވަގުތުތައް ސަލާމަތްވެގެންދާނެކަމަށާއި ވަކި ސިސްޓަމެއްގެ ތެރެއިން ކަންކަމުގެ ސްޓޭޓަސް ބަލާލެވި ސަރުކާރުން އެޓެންޑް ވަމުންދާގޮތް ވަގުތުން ފެންނަމުންދާނެކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ތިމާގެ އަމިއްލަ ރެކޯޑްސްއަށް އެއްވެސް ފަރާތަކުން އެކްސެސް ވިއަސް، ބަދަލެއް ގެނައިކަމުގައި ވިޔަސް، އޭގެ ފުރިހަމަ މަޢުލޫމާތު އެމީހަކަށް ވަގުތުން ބަލާލުމުގެ ހިތްހަމަޖެހުމާއި، ރައްކާތެރިކަން ޔަޤީންވެގެންދާނެކަމަށެވެ.
"ޑިޖިޓަލައިޒޭޝަންގެ މި ނިޒާމް ޤާއިމުވެގެންދާނީ ވަކި އޮފީހެއް ވަކި މުއައްސަސާއެއްގައެއް ނޫން. ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި. އެއްގޮތަކަށް. އެއް މިންގަނޑަކަށް. ދުނިޔޭގައި ކުރިއަރާފައިވާ، މިފަދަ އިތުބާރު ހުރި ފަސޭހަ ޒަމާނީ ގޮތްތައް ދިވެހި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން އަޅުގަނޑު ބޭނުން." ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު 4 އަހަރުގެ ދުވަހުން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ ރައީސްގެ އަޒުމްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ތަންފީޒުކުރުމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނައި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެހީތެރިކަން ބޭނުންވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ