އަންހެނެން ދަރިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ތަނަވަސްކަން ނޫންކަމާ ފިރިއަކާއެކު ދިރިއުޅެން ދަސްކޮށްދިނުންކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ޝާޒްލީއަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ހިތާމައަކީ ބޮޑުވެ ކައިވެނިކުރާ ޢުމުރަށް އެޅުނުއިރުވެސް އަނހެނަކު ކުރަންޖެހޭ އެއްވެސް ކަމެއް އަމިއްލައަށް ކުރަން ނުއެނގޭ ކަމެވެ. އެއްވެސް އެއްޗެއް ކައްކާކަށް ނުއެނގެއެވެ. އެއްޗެތި ދޮވެ އިސްތިރިކުރާކަށް ނުއެނގެއެވެ. މިހެން ގޮސް އަމިއްލައަށް ކުރަން އެނގޭ ހަމަ އެއްވެސް މަސައްކަތެއް އޮތް ކަމަކަށް ނުވެއެވެ. 
ތަނަވަސްކަން ހުރުމުން ކައިވެނިކުރާނެ ފިރިހެނުންވެއެވެ. 24 އަހަރާއި 27 އަހަރާއި ދެމެދުގައި 4 ކައިވެނިކުރެވުނެވެ. ކައިވެންޏަށްފަހު ކޮންމެ މީހަކުވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަރިކުރެއެވެ. ޚުދު އޭނާވެސް އެކަމާއި ދެރަވެ ހިތާމަކުރެއެވެ. އެހެނަސް އެއްވެސް ފިރިއަކު އޭނާ ދޫކޮށްލަމުން ދޫކޮށްލާ ސަބަބުވެސް ބުނެދީފައި ނެތުމުން ޝާޒްލީ ހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. 
ޝާޒްލީ އަކީ ކޮންމެ ކަމެއްވެސް އޭނާ ކުރަން ބޭނުންވާ ގޮތަށް ކުރަން އާދަވެފައިހުރި ކުއްޖަކަށްވުމުންނާއި އެހެން މީހުންދޭ ނަޞޭޙަތް ޤަބޫލުކުރަން ބޭނުންވާ ކުއްޖަކަށް ނުވާތީ އެންމެ ގާތް އެކުވެރިން ވެސް ޝާޒްލީ ގާތުގައި ޝާޒްލީ އިޞްލާޙްކުރަންޖެހޭ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކައެވެ. 
ޢުމުރުން 28 އަހަރުގައި ޝާޒްލީ އެމީހަކު ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހަކާއި ބައްދަލުވިއެވެ. އޭނާ އާއި ކައިވެނިކޮށްގެން ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ޖެހެން ފަށައިފިއެވެ. އޭނާވެސް ގެއްލިދާނެހެން ހީވާން ފެށުމުން ގޮސް ބައްޕަ އަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބައްޕަ ބުނީ ހުރިހާ ވެސް މައްސަލައަކީ ޝާޒްލީ ކަމަށެވެ. 
"ދަރިފުޅާއެވެ. ކިތަންމެ ގިނަ ނޯކަރުން ގެންގުޅުނު ނަމަވެސް އަނބިމީހާގެ އަތުން ކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. އަދި އަނބިމީހާގެ ކިބައިން ބޭނުންވާ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެކަންކަން ނުލިބޭނަމަ ބޯހަމަޖެހޭ މީހަކު ކައިވެނިކޮށްގެނެއް ނުއުޅޭނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ފިރިމީހާއަށް ލޯބިދޭން ދަސްކުރާށެވެ! ދެވަނަ ކަމަކަށް ފިރިމީހާއަށް ކިޔަމަންތެރިވާން ދަސްކުރާށެވެ! ތިންވަނަ ކަމަކަށް ދޭތެރެއަކުން ނަމަވެސް އަމިއްލަ އަތުން ކައްކާ އެއްޗެއް ފިރިމީހާއަށް ކާންދޭންވާނެއެވެ. އަދި އެއްޗަކީ ވަރަށް މީރު، އެހެން މީހުން ކައްކާ އެއްޗަކާއި ތަފާތު އެއްޗަކަށްވެސް ވާންވާނެއެވެ!" 
ބައްޕަގެ ވާހަކަ ނިމުމުން ޝާޒްލީ ބުންޏެވެ. "ބައްޕާއެވެ! ބައްޕަ އަޅުގަނޑަށް ހުރިހާ ކަމެއްވެސް ކޮށްދީފީމުއެވެ. އުޅޭނެ ބޮޑު ގެއަކާއި ވިޔަފާރިކުރެވޭނެ މަގު ދައްކައިދީފީމުއެވެ. ބޭނުންވަރަކަށް ފައިސާދެމުއެވެ. ނަމަވެސް އަޅުގަނޑު ކުރަންޖެހޭނެ ކަމަށް ބައްޕަ ދެންމެ ތިއަ ބުނި އެއްވެސް ކަމެއް ކުރަން ދަސްކޮށެއް ނުދެއެވެ. 
ބައްޕާއެވެ! މަންމަ ނިޔާވިފަހުން ބައްޕަ އަޅުގަނޑަށް ދިނީ ކޮން ލޯތްބެއް ހެއްޔެވެ؟ އަޅުގަނޑުކުރިމަތީގައި ދޮންމަންމަ ގޮވައިގެން ލޯބިން އުޅުން ނޫން ކަމެއް ނުކުރަމު ނޫން ހެއްޔެވެ؟ އަދި އަޅުގަނޑު ގާތަކު އެއްވެސް ކަމެއް ވަކިގޮތަކަށް ކުރާކަށްވެސް ނުކުރާކަށްވެސް ނުބުނަމުއެވެ. ފިރިމީހާ ކަންކަމަށް އަމުރުކުރީމާ ނުވަތަ އަޅުގަނޑުގެ ކަންކަން ބަދަލުކުރަން ބުނީމާ ބަލައިނުގަނެވެނީ އެހެންވެގެންކަން މިހާރު ޤަބޫލުކުރެވިއްޖެއެވެ. މައްސަލައެއް ނެތެވެ. ބައްޕަ ތިއަ ދިން ނަޞޭޙަތް ޤަބޫލުކޮށްފީމެވެ. ނަޞޭޙަތަށް ޢަމަލުވެސް ކުރާނަމެވެ." 
އެހެންބުނެފައި ޝާޒްލީ ނުކުމެގެން އޭނާގެ ގެއަށް ދިއައީއެވެ. ފިރިމީހާގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދިފައި އޭނާއަށް އުޅެބޮޑުވާންޖެހުނު ގޮތުގެ ވާހަކަތައް ކިޔައިދިނެވެ. އަދި ކަންކަން އިޞްލާޙްކުރަން ވަގުތުކޮޅަކަށް އެދުނެވެ. 
ފިރިމީހާ ބުނީ ބައްޕަ ކޮންމެ ގޮތަކަށް ކަންތައްތައް ކޮށްފައިވީނަމަވެސް އެދެއްކީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށާއި ނަޞޭޙަތަކީ ހަމަ ވަރަށް ފުރިހަމަ ނަޞޭޙަތެއް ކަމަށެވެ. ޢަމަލުކުރުމުން ފައިދާކުރާނެ ކަމަށެވެ. އަދި އިޞްލާޙްކުރަން މަސައްކަތްކުރާނަމަ ކެތްތެރިވާނެ ކަމަށެވެ. 
ޝާޒްލީ އޭނާގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ގެވެހި އަންތބަކަށްވާން ޢަޒުމް ކަނޑައަޅައި މަސައްކަތް ފެށުމުން ފިރިމީހާ އެދުނީ އެންމެ ކަމަކަށެވެ! އެއީ ގޭގައި ގެންގުޅޭ ނޯކަރުންގެ ތެރެއިން 2 އަންހެނުންނަށް އެކުގައި 1 މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށެވެ. އަދި ދެއަންހެނުން ކުރަމުން އައި ގޭގެ ހުރިހާ ކަންކަން އަމިއްލައަށް ކުރުމަށެވެ. މަސައްކަތްކުރަން ދަސްކޮށްދޭނެ ކަމަށާއި އެހީތެރިވާނެ ކަމަށްވެސް ފިރިމީހާ ބުންޏެވެ. އަދި ބުނިގޮތަށް ފިރިމީހާ ކަންކަން ކުރިއެވެ. 
ފިރިމީހާގެ އެދުނު ގޮތް ޝާޒްލީ ޤަބޫލުކުރިއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މަސްދުވަހުގެ ޗުއްޓީ ނިންމާފައި 2 އަންހެނުން އެނބުރި މަސައްކަތަށް ނުކުތްއިރު ޝާޒްލީ ވަނީ ގޭގެ ހުރިހާ މަސައްކަތްތަކެއް އަމިއްލައަށް ކުރަން ދަސްކޮށްފައެވެ. މީރުކޮށް ކައްކާ އަންހެނަކަށްވެސް ވެފައެވެ.  
މިއަދުނޫހުގެ ކިޔުންތެރިންނަށް ވާހަކައެއް ގޮތަށް އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ލޯބިވާ އަނބިމީހާ އާއި އަޅުގަނޑުގެ ވާހަކައެވެ. މިވާހަކަކޮޅުން މިފަދަ އަންހެނުންނަށާއި އެމީހުންނާ ކައިވެނިކުރާ ފިރިންނަށް ފައިދާހުރި ފިލާވަޅެއް ލިބޭނެ ކަމަށް ހީކުރަމެވެ. 
ނިންމާލުމުގެ ކުރިން ފާހަގަކޮށްލާނަމެވެ. އެއީ ބައްޕަ އެދިން ނަޞޭޙަތެވެ! އެއީ ހަމަ ވަރަށް އަގުހުރި ނަޞޭޙަތެކެވެ. އެކަންކަމަށް ބޭނުން ނުވާނެ އެއްވެސް ފިރިއަކު ނުހުންނާނެއެވެ. ހަމަ އެއާއިއެކު ދަރިފުޅު ތަރުބިއްޔަތުކުރުމުގައާއި ބޭނުންވާ ލޯބި ދިނުމުގައި ބައްޕަ ވެފައިވާ އިހްމާލަކީ ދަރިއަކާއިމެދު ވެވޭނެ އެންމެ ބޮޑު އިހްމާލުކަންވެސް ފާހަގަކުރަމެވެ. 
ހަމަ އެއާއިއެކު ކަންކަން އިޞްލާޙްކުރެވޭނީ ޝާޒްލީ ފަދައިން އިޞްލާޙްކުރަން ޢަޒުމް ކަނޑައަޅައި މަސައްކަތްކުރުމުންކަންވެސް ފާހަގަކުރަމެވެ. 
- ޢަބްދުﷲ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ