ރާޖޫއަށް ބަދަަލުދޭންވީމާ އުސޫލެއް ކޮމެޓީއެއްނެތަސް އޯކޭ!

ރައީސް ޔާމީނު ސަރުކާރުން އުސޫލުން ބޭރުން އެއްބަސްވުންތަކެއް އުވާލުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދަން އެކި ފަރާތްތަކުން ދައުވާ ކޮށްގެން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާއާއި މުދާ ދައުލަތުން ދެއްކުމަށް ފުލުފުލުގައި ހުކުމްތައް އައެވެ. ހުކުމާއެއްގޮތަށް އަމަލު ކުރުމަކީ ސަރުކާރަށް ވިޔަސް ލާޒިމުކަމެކެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދޭންޖެހޭކަމަށް ޝަރީއަތަށް ސާބިތުވުމުން ސަރުކާރުން ޖެހުނު މުދާލާއި ފައިސާގެ މިންވަރަކީ ފޫބެއްދޭ ވަރަށްވުރެ ބޮޑު ގެއްލުތަކަކަށް ވަމުންދިޔައެވެ.
އެހެންކަމުން ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކުޑަކޮށް ދައުލަތަށް އެންމެ ގެއްލުކުޑަގޮތަކީ ކޮބައިތޯ ބަލާ އެންމެ ގެއްލުން ކުޑަގޮތަކަށް ބަދަލުދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމުގެ ގޮތުން ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވޭނެ މެކޭނިޒަމެއް ރައީސް ސޯލިހު ގާއިމުކުރެއްވިއެވެ. ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސް ވީހާވެސް ކުޑަ ބަދަލެއް ދީގެން ފަރުޖެއްސޭނެ ސުލްހަވެރި އުސޫލެއް އެކުލަވާލާ ރައީސް ސޯލިހުގެ ވެރިކަމުގައި ތަންފީޒު ކުރަންފެއްޓެވިއެވެ. ދައުލަތާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށެވެ.
އެހެނެއްކަމަކު ސިޔާސީ ހަސަދަވެރިކަމުގައި ތަނެއް ދޮރެއް ބެލުމެއްނެތި ވެރިކަމަށް އެރިގޮތަށް އަރާ މުއިއްޒު އުވާލީ ރައީސް ސޯލިހު ވެރިކަމުގައި އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމެޓީއާއި އަަދުލުވެރި ބަދަލު ދިނުމުމަށް އެކުލަވާލެއްވި އުސޫލެވެ. ރައީސަށް މުތުލަގަށް ލިބޭ ބާރެއްކަމުގައި ގަރާރުތަކުން ކޮމެޓީތައްކާއި އުސޫލުތައް ހަދާ ތަންފީޒުކުރުން އޮންނައިރު ސެޓްމަންޓް އުސޫލާއި ކޮމެޓީއަކީ މިހާރުގެ ބަންޑާރަ ނައިބަށް ވިއެވެ. އުސޫލެއްގެ ތެރެއިން ވަޒަންކޮށްގެން ދައުލަތަށް ގެއްލުން ކުޑަކޮށް ބަދަލު ދިނުމަކީ ވަކިބަޔަކަށް މަންފާއެއް ހޯދާދިނުންކަމަށް މިހާރުގެ ޕީޖީއަށް ވެގެން ކުރީގެ ރައީސާއި ކުރީގެ އިގްތިސޯދީ ވަޒީރާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރަކަށް ޖިނާއީ ތަހުޣީގު ހިންގަން ޕީޖީވަނީ އަމުރުކޮށްފައެވެ.   
ރައްޔިތުންގެ މަޖިލީހުން ބަޖެޓް ނުދެނީސް އެންވަޔަރންމަންޓް އިމްޕެކްޓް އެސިސްމަންޓް ވެސް ނުހަދާ ރަސްމާލެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ރައީސް މުއިއްޒު ފެށީ ދައުލަތަށް އިންތިހާއަށް ގެއްލުންވާ ގޮތަށެވެ. ރަސްމާލެ ހިންކަންފެށީ ހުޅުމާލެއިން ހިއްކާފައިވާ ބިމުންނާއި ހުޅުމާލޭން ބިންހިއްކައިގެންނާއި ރަސްމާލެއިން ބިންހިއްކައިގެން އެތައް ހެކްޓަރެއްގެ ބިން ބާޓާ އުސޫލުން ދޭގޮތަށް ރާޖޫއަށް ދޭގޮތަށެވެ. ރަސްމާލެއިން %2 ބިންވެސް ނުހިއްކި އަހަރަކަށް ވާންދަނިކޮށް އެއްބަސްވުން ބާތިލުކޮށް ރާޖޫއަށް ހުޅުމާލޭން ދީފައިވާ ބިންތައްވެސް އަތުލީއެވެ. 
ގެއްލުމުގެ ބަދަލު ހޯދަން ބައިނަލްއަގްވާމީ ޓްރައިބިއުނަލަކަށް ދާކަމުގެ އަޑު އަރުވާލުމަށްފަހު ސެޓްލްމެންޓް އެގްރިމެންޓެއް ހަދައިގެން މުއިއްޒަށް ބައިއަޅާގޮތަށް ބަދަލުގެ ގޮތުގައި ރާޖޫއަށް 21 މިލިޔަން ޑޮލަރުދޭން ނިންމީއެވެ. ރާޖޫއަށް ބަދަލުދޭން ވީމާ ޝަރުއީ ހުކުމެއް ބަދަލު ދިނުމުގެ އާއްމު އުސޫލެއް ސެޓްމަންޓް ކޮމެޓީއެއް ނެތަސް ވަރިހަމައެވެ. ޕީޖީ އައްބާހަށް ރަސްމާލެ އެގްރިމަންޓް ބާތިލުކޮށް ބަދަލުދިނުން ގޯހެއް ނުވިއެވެ. މުއިއްޒާއި އެޗްޑީސީން ހިންގާ ބިޔަކޮރަޕްޝަންގެ ޖިނާއީ ތަހުގީގުކުރުމުގެ އަމުރެއް ނުނެރެ އެ އޮތީ ނިދާފައެވެ. ޕީޖީއަށް ގޯސްވީ އުސޫލެއްގެ ތެރެއިން ކޮމެޓީއަަކުން ވަޒަންކޮށްގެން ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ