އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން ސަރުކާރުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫނަށް ތާއީދު ހޯދަން މ. އަތޮޅު ފުރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަން ލާޒިމްނުވާނެ ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ވެސް ދެ ފަރާތުން އިހްލާސްތެރިކަމާ އެކު ކަމަށް މައުމޫން ވިދާޅުވި އެވެ.
"މަޝްވަރާގެ އުސޫލަކީ އަބަދުވެސް އަޅުގަނޑު ތާއީދުކުރާ އުސޫލެއް، އެހެން ނަމަވެސް މަޝްވަރާ ކުރާއިރު ދެ ފަރާތުން އެއް ފަރާތަކީ މާ އަނިޔާވެރި ގޮތަކަށް ނުވަތަ އެހެން ގޮތަކަށް އަމަލުކުރާ ފަރާތަކަށް ވަންޏާ އަނެއް ފަރާތްތަކުން ވެސް ބޭނުމެއް ނުވާނެ ދެއްތޯ އެ މީހުންނާ އެކު އެއް މޭޒެއްގެ ދޮށުގައި އިށީންނާކަށް." އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ގޮވާލާފައި ވަނިކޮށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާއަކީ ގާނޫނީ އިމުގެ ތެރެއިން ބޭއްވި އެއްވުމެއް ނޫން ކަމަށެވެ. އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްވެސް އަނިޔާއެއް ނުވާ ގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވާފައިވަނީ، އެ ބޭފުޅުންގެ ވަރަށް ގިނަ މީހުންނަށް އަނިޔާވިކަމުގައި ވިޔަސް އެ ބޭފުޅުން މަސައްކަތް ކުރެއްވީ ރައްޔިތުންގެ ސަލާމަތަށްޓަކައި." މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން ސަރުކާރުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ