ދޭދަރު ރުއިން؛ އިންސާނީވަގުފާރީގެ މައްސަލައަށް ހާއްސަ ފުރަތަމަ ދިވެހި ފިލްމު

މިއީ އިންސާނުން ޓްރެފިކް ކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައަށް ހާއްސަކޮށް ރާއްޖޭގައި އުފައްދާ ފުރަތަމަ ފިލްމެވެ.
އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ އާ ފިލްމު "ދޭދަރު ރުއިން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ރީތި ފިލްމުތަކެއް ދިވެހި ސިނަމާއަށް ގެނެސް ދިން އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ "ދޭދަރު ރުއިން" މިއީ އެކްޝަން / ކްރައިމް ފިލްމެކެވެ. މި ފިލްމަކީ ކޮރިއޯގްރަފްކޮށްފައިވާ ފައިޓް މަންޒަރުތައް ހިމެނޭ ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ ކަމަށް އުފެއްދުންތެރީން ބުނެ އެވެ.މިއީ އިންސާނުން ޓްރެފިކް ކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައަށް ހާއްސަކޮށް ރާއްޖޭގައި އުފައްދާ ފުރަތަމަ ފިލްމެވެ. އަދި މީގެ އިތުރުން ރޭވިގެން ކުރެވޭ ކުށްތަކާ ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ނުރައްކާވުމާއި ކުޑައިރު ލިބޭ ނަފްސާނީ ޓްރޯމާއާ ގުޅޭ ކަންކަން ވެސް ފިލްމުގައި ފެނިގެންދާނެ އެވެ.ޓްރެއިލާ އިން ޔަގީން ކޮށްދޭ އެއް ކަމަކީ ރީތި ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު އިލްޔާސް ވަހީދާއި ސިމްބެގެ މި ފިލްމު ވެސް ރީތި ފިލްމުތަކުގެ ލިސްޓަށް ވަންނާނެ ކަމެވެ. އިއްލެ މިހާތަނަށް ގެނެސް ދިން ފިލްމުތަކުގެ ތެރެއިން "ނީނާ" އާއި "ބަވަތި" އަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ދެ ފިލްމެވެ. އިއްލެ ގެނެސް ދިން ފިލްމުތަކަކީ އާންމުކޮށް ދިވެހި ސިނަމާ އިން ފެންނަ ގިނަ ފިލްމުތަކާއި ތަފާތު، ވަރަށް ރީތި ވާހަކަތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ފިލްމުތަކެކެވެ. އެ ފިލްމުތަކަށް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓި ބޮޑު ތަރުހީބެއް ލިބުނެވެ. ހާއްސަކޮށް ޒުވާނުންނެވެ. މިއީވެސް ޒުވާން އޯޑިއެންސްއަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.މި ފިލްމު އޮލިމްޕަހަށް އަންނާނީ ނޮވެންބަރު 20 ވަނަ ދުވަހު އެވެ. ޑައިރެކްޓް ކުރަނީ އައްޒާމް އެވެ. މިއީ އައްޒާމްގެ ފުރަތަމަ ޑައިރެކްޝަނެވެ."ދޭދަރު ރުއިން" ގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދާއި ޝުޝްމާ އެވެ. ޝުޝްމާ އަކީ ނޭޕާލް މީހެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ