ޒަޕޮރީޜިޔާގެ ޞިއްޙީ މަރުކަޒަކަށް ޙަމަލާދީ ހަތަރު މީހުން މަރައިލައިފި

ޔޫކްރެއިންގެ އިރުދެކުނުގައި އޮތް ޒަޕޮރީޜިޔާއަށް ރަޝިޔާ ސިފައިން ދިން ޙަމަލާއެއްގައި ހަތަރު މީހުން މަރުވެ, އިތުރު 33 މީހުން ޒަޚަމުވެއްޖެއެވެ. ޔޫކްރެއިނުން ބުނީ, ގައިޑެޑް ބޮން ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ބައެއް ގެތަކުގެ އިތުރުން އޮންކޮލޮޖީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒަކަށް ގެއްލުން ލިބުނު ކަމުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.
ޒަޕޮރީޜިޔާގެ ސަރަޙައްދީ ގަވަރުނަރު އިވާން ފެޑެރޮވް ވިދާޅުވީ, ޙަމަލާތަކުގައި ޒަޚަމުވެފައިވާ މީހުންގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކާއި, 10 އަހަރުން ދަށުގެ ދެ ކުދިން ހިމެނޭ ކަމުގައެވެ. އަދި, ޒަޚަމުވެފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމުގައެވެ. ޒަޕޮރީޜިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ހަ ބޮން ބޭނުން ކޮށްފައިވާ ކަމަށާއި, ޢާންމުން ދިރިއުޅޭ ގެތަކާއި ފަސް ބުރިއަށް އިމާރާތް ކޮށްފައިވާ އެޕާޓްމަންޓް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ފެޑެރޮވް ވިދާޅުވިއެވެ.
ބޮމު ޙަމަލާތަކުގައި ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު, އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމުގައި ވެސް ޒަޕޮރީޜިޔާގެ އޮފިޝަލުން ބުންޏެވެ. އެ މީހުން ސަލާމަތް ކުރުމަށް ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ މި ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, މިއީ ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް ރަޝިޔާއިން ގޮވައިލަމުންދާ ގޮވައިލުންތަކަށް ގޮންޖެހުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. "ޢާންމުން މެރުމަކީ އެ މީހުންނަށް [ރަޝިޔާގެ ސިފައިންނަށް] ލިބޭ އުފާވެރިކަމެއް،" ޒެލެންސްކީ ވިދާޅުވިއެވެ.
ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ރަޝިޔާގެ ސިފައިންގެ ކޮންޓުރޯލުގެ ދަށުގައެވެ. އަދި, އިތުރު ރަށްތަކަށް އަތްގަދަ ކުރުމުގެ ގޮތުން, އެ ސަރަޙައްދުގައި ތިބި ޔޫކްރެއިންގެ ސިފައިންގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. ފެޑެރޮވް ވިދާޅުވީ, ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ޒަޕޮރީޜިޔާގެ ރަށްތަކަށް 11,000 ފަހަރު ޙަމަލާ ދީފައިވާ ކަމުގައެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.
ދެ އަހަރާއި ހަ މަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ދަށުން އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާގެ ހުޅަނގުގެ ބައެއް ސަރަޙައްދުތަކަށް އަރައިގަނެފައެވެ. ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިން ދަނީ އެ ސަރަޙައްދުގެ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަމުންނެވެ. އަދި, ރަޝިޔާގެ ސިފައިން ދަނީ, އެ ރަށްތައް ދިފާޢުކޮށް, މިނިވަން ކުރުމަށް ހަނގުރާމަ ކުރަމުންނެވެ.
މި ހަނގުރާމަ ނިމުމަކަށް ގެނައުމާ މެދު ދެ ޤައުމު ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވާފައިވީ ނަމަވެސް, ޒެލެންސްކީ ގެންދަވަނީ އެ ކަމަށް އިންކާރު ކުރައްވަމުންނެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޝަރުޠުތަކެއް ވެސް ޕުޓިން ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި, ހުޅަނގުގެ ސަލާމަތީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމާއި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިންތަކަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ބަލައިގަތުން ހިމެނެއެވެ. ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމައިގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ