ކުރިއަށްއޮތީ މޫސުންބަދަލުވާ ދުވަސްވަރުކަމުން ކޮޅިގަނޑުތައް އުފެދިދާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މިދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރުކަމުން، މޫސުން ބަދަލުވާ ދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަންގާޅުކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަސްއޮތް ދުވަސްތަކުގ ެތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ މި ހަފްތާގެ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައިވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނޭކަމަށް ބެލެވ ކަމަށެވެ.
މި ދެކޮޅިގަނޑާ ގުޅިގެން ޑިސެމްބަރު 18 ވާ ބުދަދުވަހުން ފެށިގެން ކުރިއަށްއޮތް ފަސް ދުވަހު ރައްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވާނޭކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދު ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނޭކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ގޮތެއްގައި މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
Advertisement
މިކަމާ ގުޅޭގޮތުން ޑިޒާސްޓާ މެނޭޖްމަންޓް އޮފީހުންވެސް ބުނެފައިވަނީ މެޓް އޮފީހުން މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައިވާ ދުވަސްތަކުގައި އާއްމު ރައްޔިތުންގެ މުދަލަށާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެހުމާއި ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ، ފެން ނުޖެހޭ އުސްތަންތަނަށް ބަދަލުކުރުމަށް އެންޑިއެމްއޭއިން ވަނީ އިރުޝާދުދީފައެވެ.
މޫސުން ބަދަލުވާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ