ޔާމީން: ސިޔާސީ ލިޔުންތަކަށް ތަޖުރިބާ ހުރި، ވަރުގަދަ ނޫސްވެރިއެއް

"ވަގުތު" އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ޔާމީނަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެންމެ ހަރަކާތްތެރިކޮށް އުޅުނު އެއް ނޫސްވެރިޔާއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓަކު ރާއްޖޭގެ ރަށްތަކަށް ކެމްޕެއިން ކުރައްވަން ވަޑައިގެންނެވި އިރު، އެ ކެންޑިޑޭޓުންނާ އެކު ނޫސްވެރިއެއްގެ ގޮތުގައި ދަތުރު ކުރި އެކަކަކީ ޔާމީނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކުގައި ދަތުރުތަކުގައި ބައިވެރިވި މަދު ނޫސްވެރިންގެ ތެރެއިން އެކަކަކީ ވެސް ޔާމީނެވެ. އެ ކެންޑިޑޭޓުންނާއެކު، ދެ މަސް ތެރޭގައި 100 އެއްހާ ރަށަށް އެރިއެވެ.
ރައީސް ޑރ. މުއިއްޒާއެކުގައި އެއް ދުވަހުގެ ތެރޭގައި 11 ރަށަށް އެރިއެވެ. މިއީ ރިކޯޑެކެވެ. އެމަނިކުފާނާ އެކީގައި އެންމެ ގިނަ އިން ދަަތުރު ކުރި އެއް ނޫސްވެރިޔަކީ ވެސް އެއީއެވެ. ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ށ. އަތޮޅުން ފެށުމަށް ނިންމުމާ ގުޅިގެން އެ ތާރީހީ ދަތުރުގައި ބައިވެރިވެ، އެކަން ކަވަރު ކުރި އެއް ނޫސްވެރިޔަކީ ވެސް ޔާމީނެވެ. ގާސިމްގެ ކެމްޕެއިންގެ ފަހުކޮޅުގައި ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި ވެސް ޔާމީން ބައިވެރިވެ، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. ޔާމީނަކީ ވަރުބަލިކަމެއް ނެތި، ހިތްވަރާއެކުގައި މަސައްކަތް ކުރަމުން އަންނަ ނަން ހިނގާ ވަރުގަދަ ނޫސްވެރިއެކެވެ.
އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާނަމަ، މިދިޔަ އަހަރުގެ ކުރީކޮޅު "ވަގުތު" އިން ޅ. އަތޮޅަށް ކުރި "ހޭރިޔާ" ދަތުރުގައި އޭނާ ވަނީ ބައިވެރިވެ، މުހިންމު ރިޕޯޓުތަކެއް ގެނެސްދީފައެވެ. ޅ. ނައިފަރާއި ޅ. ހިންނަވަރާއި ޅ. ކުރެންދޫ އާއި ޅ. އޮޅުވެލިފުށި އަދި ޅ. ފެލިވަރަށް ކުރި ދަތުރުގައި ޔާމީންގެ ލީޑަޝިޕް ފެނިގެން ގޮސްފައިވެއެވެ.
އިމާދުއްދީން ސްކޫލާއި ފަރީދިއްޔާ ސްކޫލާއި ގާޒީ ސްކޫލްގައި ތައުލީމް ހާސިލް ކުރި، ޔާމީން ހަބަރު ކިއުމާއި ލިއުމަކީ އޭރު ޝައުގުވެރިކަން ހުރި ކަމެއް ނޫނެވެ. އޭނާ އެ ދާއިރާއަށް ވަނުމަށް ޝައުގުވެރިވީ ސެޕްޓެމްބަރު 19، 2003 ގައި ކ. މާފުށީ ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައެވެ. ޖަލުގައި އީވާން ނަސީމް މަރާލި މައްސަލައިގައި ޖެހިގެން އައި ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ޕޮލިސް ސްޓޭޝަންތައް އަންދާލައި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދެމުން އަންނަ ކަން އެނގިގެން އެ މަންޒަރު ބަލަން ބޭނުންވިއެވެ.
އޭރު ގެއާ އެންމެ ކަރީގައި ހުރި ގަލޮޅުގެ ފުލުސް އޮފީސް ހުންނާނީ ބުރުޒު މަގު، ސިނަމާލެ ފްލެޓް ތިރީގައެވެ. ފުލުސް އޮފީހުގައި ރޯކޮށްލަން އައި މީހުންގެ މަންޒަރުތައް ހަމަ ލޮލުން ބަލާލަން ލިބުނު މީހުންގެ ތެރެއިން އެކަކަކީ ޔާމީނެވެ. އޭގެފަހުން ނޫސްވެރިކަން ކުރުމަށް ޝައުގުވެރިކަން އުފެދުނެވެ. ކޮންމެ ރެއަކު ރޭގަނޑު ޓީވީއެމް އިން ގެނެސްދޭ 8 ގެ ހަބަރު ބެލުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދި، ކޮންމެ ރެއަކު އެ ގަޑިއަށް ޓީވީ ކައިރިއަށް ދެއެވެ.
ޔާމީން ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ 2009 ވަނަ އަހަރެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ "އެމްވީޔޫތު" ނަމަކަށް ކިޔާ ލެޓިން ފޯރަމެއްގައި ޖެނުއަރީ 2019 ގައެވެ. އެ ތަން ރީބްރޭންޑްވެ، "ވަގުތު" އޮންލައިންގެ ނަމަށް 2014 ގައި ބަދަލުވުމާއެކު، އެ ނޫހުގައި ނިއުސް ހެޑްގެ ގޮތުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރިއެވެ. އޭގެ ފަހުން 2015 ވަނަ އަހަރުގެ ފަހުކޮޅު ޔާމީން ގުޅުނީ ރާއްޖޭގެ މަޝްހޫރު ދުވަހު ނޫސް، "ހަވީރު" އާއެވެ. އެ ނޫހުގައި ތިން މަސް ވަންދެން މަސައްކަތް ކުރިއެވެ.
"ހަވީރު" ނޫސް ހުއްޓާލަން ދެން އެ ނޫހުގައި ޔާމީން މަސައްކަތް ކުރިއެވެ. އެ ނޫސް ހުއްޓާލުމަށް ފަހު އުފެއްދި "މިހާރު" ނޫހުގައި 2016 އިން ފެށިގެން ހަތަރު އަހަރު ދުވަހު މަސައްކަތް ކުރިއެވެ. "ވަގުތު" ނޫހާ 2010 ވަނަ އަހަރު އަލުން ގުޅި މިހާރު މަސައްކަތް ކުރަނީ އެ ނޫހުގެ ޑެޕިއުޓީ އެޑިޓަރަކަށެވެ.
 
ގަލޮޅުގެ މަޝްހޫރު އާއިލާއަކަށް އުފަން ޔާމީނަކީ ރާއްޖެގައި ފާހަގަ ކޮށްލެވޭ ކުޅަދާނަ ނޫސްވެރިއެކެވެ. ދިވެހި ބަހުން ހަބަރުތަކާއި ރިޕޯޓުތައް ލިޔުމުގައި ބަހުގެ ގަވާއިދަށާއި ހަމަތަކަށް އިސްކަންދެއެވެ. އާންމުން ޝައުގުވެރިވާ ގޮތަކަށް ލިޔުންތައް ގެނެސްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.
"މިހާރު އޮންލައިން ވަރަށް ގިނަ ނޫސްތަކެއް މި ހުންނަނީ. ގިނަ ނޫސްތަކެއް އޮންނައިރު، ހުރިހާ ނޫހަކުން ހެން ބަލަނީ އެންމެ ކުރިން ހަބަރެއް ގެނެވޭތޯ. އެއީ އާންމުކޮށް ދުނިޔޭގެ މީޑިއާތަކުން ގެނެސްދޭ ގޮތް. ދުނިޔޭގެ ބޮޑެތި ނޫސްތަކުގައި އެކަން އެގޮތަށް އޮވެ، ވަރަށް މުހިންމު އެހެން ކަމެއް ވެސް އޮވޭ، އެއީ އާންމުން ޝައުގުވެރިވާނެ ކަހަލަ އިންޑެޕްޓް ލިޔުންތަކެއް ގެނެސް ދިނުން. އެކަން ރާއްޖޭގައި އަސްލު މަދީ. ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި އެފަދަ ލިޔުންތަކެއް ލިއަން،" ޔާމީން ކިޔައި ދިނެވެ.
ޔާމީންގެ ވާހަކައިގެ އެ ފާހަގަ ކުރީ ވަރަށް ރަނގަޅު ކަމެކެވެ.
"މިސާލަކަށް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހުރިހާ ނޫސްތަކުން ވެސް ރިޕޯޓު ކުރާނެ އެކަން ހިނގި ވަގުތާއި ރޯވެގެން ލިބުނު ގެއްލުމާއި މިކަހަލަ އާންމު މައުލޫމާތުތަކެއް. އެކަމަކު، އެ ހާދިސާގެ އެންމެ ފުނަށް އަދިވެސް ވާސިލް ނުވެވޭ. މާލޭގައި މި ފަހުން ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް، އެއީ ފަޅަށް ހުރި ގެއެއް، ރޯވުމުގެ ކުރިން އެ ތަނުގައި ބަޔަކު ތިބީ ޑްރަގް ބޭނުން ކުރަން. އަލިފާން އެ ތަނުގައި ގެންގުޅުނު. ކުއްލިއަކަށް ސަކަރާތް ޖަހަން ހަދައިގެން އެ ގޭގައި ހުޅު ހިފީ، އެންމެ ފަހުން އެމީހުން ފުންމާލައިގެން ސަލާމަތްވާން ޖެހުނީ. އަނެއްކާ ސަލާމަތް މިވީ ވެސް ފުލުހުންގެ އަތްމައްޗަށް ފުންމާލައިގެން. އެއްވެސް ނޫހަކުން މި ރިޕޯޓެއް ނުކުރޭ،" ޔާމީން ކިޔައި ދިނެވެ.
"އެކަމަކު، މިއީ ހަގީގަތުގައި އެތައް ބަޔަކު ޝައުގުވެރިވާނެ ލިޔުމެއް އެ ހުރިހާ ވާހަކައެއް ހިމަނައިގެން ލިޔުނު ނަމަ، މާ ގިނަ މީހުން ކިޔާނެ،"
ޔާމީން ފާހަގަ ކުރާ ގޮތުގައި، ޒަމާނަށް އައި ބަދަލާ އެކުގައި ކިޔުންތެރިން މިހާރު ބޭނުން ވަނީ މޮޅު ލިޔުންތަކެކެވެ. އާދައިގެ "ކުދިކުދި" ހަބަރު ކިޔަން އެމީހުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.
ހުރިހާ ދާއިރާތަކުން ވެސް ހަބަރާއި ރިޕޯޓް ލިޔަން ފަރިތަ ޔާމީން ލިޔާ ހިތްވާ ވަކި ހާއްސަ ދާއިރާއެއް ނެތް ނަމަވެސް ސިޔާސީ ދާއިރާގެ ހަބަރުތަކާއި ބޭރު ދުނިޔޭގެ ހަބަރުތަކަކީ ޔާމީނު ވަރަށް ލިޔާ ހިތުން ލިޔާ ހަބަރުތަކެކެވެ. މިދިޔަ އަހަރު ދެވަނަ އަށް ހިނގި އެންމެ ބޮޑު އެއް ކަމަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލްއާ ދެމެދު ފެށި ހަނގުރާމައެވެ. އޮކްޓޯބަރު 7، 2023 ގައި ފެށި އެ ހަނގުރާމައިގެ ވަރަށް ގިނަ، މުހިންމު ލިޔުންތަކެއް ޔާމީން ވަނީ ގެނެސްދީފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ހޮވާ 2023 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް ނޮމިނޭޓްވި ފަސް ނޫސްވެރިންގެ ތެރެއިން އެކަކަކީ ޔާމީނެވެ. މިއީ އެ އެވޯޑަށް އޭނާ ނޮމިނޭޓްވި ދެވަނަ ފަހަރެވެ. މީގެކުރިން 2021 ވަނަ އަހަރުގެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ވެސް އޭނާ ނޮމިނޭޓުވިއެވެ. ޔާމީން ވަނީ 2017 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޮމިނޭޓްވެފައެވެ. އަދި 2018 ވަނަ އަހަރުގެ ފީޗާ ރިޕޯޓު ލިއުމުގެ ދާއިރާ އިންނާއި ސިޔާސީ ދާއިރާ އިން އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.
ޔާމީން ވަނީ އޭނާގެ ލިޔުންތައް ކަމުދާ ނަމަ، އެސްއެމްސް ކުރުމަށް އެދިފައެވެ. މީޑިއާ ކައުންސިލުން އަހަރުގެ މޮޅު ނޫސްވެރިޔާ ހޮވާ އިރު، %15 ހިއްސާ ކުރަނީ އާންމުންގެ ވޯޓަށެވެ. ބާކީ %85 އަކީ ފަނޑިޔާރުންގެ އަތުގައި އޮންނަ ބާރެކެވެ.
"އަޅުގަނޑުގެ ލިޔުންތައް ކަމުދިޔަ ނަމަ، ހުރިހާ ކިޔުންތެރިން ވެސް ވޯޓު ދިނުން އެދުމަކީ،" ޔާމީން ބުންޏެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ