މިދިޔަ އަހަރު އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައި ވަނީ އަންހެނުންގެ ބަލިތަކަށް

މިދިޔަ އަހަރު އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައި ވަނީ އަންހެނުންގެ ބަލިތަކާ ގުޅިގެން ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި 3،183،577 ފަހަރު މީހުން ޑޮކްޓަރަށް ދައްކާފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 1،719،980 އަންހެނުން އަދި 1،463،597 ފިރިހެނުންނެވެ.
މިދިޔަ އަހަރު ޑޮކްޓަރަށް ދައްކާފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައި ވަނީ އަންހެނުންނަށް ޖެހޭ ތަފާތު ބަލިތަކަށް ކަމަށް ވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައި ވަނީ އެތެރެހަށީގެ ބަލިތަކާ ގުޅިގެންނެވެ. އެތެރެހަށީގެ ބަލިތަކާއި ގުޅިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރޭގައި ހިމެނެނީ 61 ޕަސެންޓް އަންހެނުންނާއި 39 ޕަސެންޓް ފިރިހެނުންނެވެ.
ތިން ވަނައަށް އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައި ވަނީ ކުޑަކުދިންގެ ބަލިތައް (ޕީޑިއަރެޓްރިކްސް)އާ ގުޅިގެންނެވެ. އަދި ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކާފައި ވަނީ ކަށީގެ ބަލިތަކާ ގުޅިގެންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 8،772 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އެއީ ހަފްތާއަކަށް ބަލާނަމަ 61،222 މީހުން އަދި މަހަކަށް ބަލާނަމަ 265،298 މީހުންނެވެ.
ޑޮކްޓަރަށް ދެއްކި މީހުންގެ ތެރޭގައި ހިމެނެނީ 95 ޕަސެންޓް ދިވެހިން އަދި 5 ޕަސެންޓް ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 79 ޕަސެންޓް މީހުން ސަރުކާރު ހޮސްޕިޓަލްތަކަށް ދައްކާފައި ވާއިރު އަނެއް 21 ޕަސެންޓް މީހުން ޑޮކްޓަރަށް ދައްކާފައި ވަނީ ޕްރައިވެޓް ހޮސްޕިޓަލްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ