އުމަރު ތާއީދު ހޯއްދަވަން ގާސިމާ މަޝްވަރާ ކުރައްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މ. މާފަންނު ވިލާއަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވައިފި އެވެ.
ގާސިމްގެ އަރިހަށް އުމަރު ވަޑައިގެންނެވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ހޯއްދެވުމުގެ ގޮތުންނެވެ. އުމަރު ވިދާޅުވީ ބައްދަލު ގާސިމާ ބައްދަލު ކުރެއްވީ އަންނަ ރިޔާސީ އިންތިހާބުގައި ގާސިމްގެ ތާއީދު ހޯއްދެވުމުގެ ގޮތުން ގާސިމަށް ދަންނަވާފައިވާނެ ކަމަށާއި ގާސިމް ވެސް ވިސްނާލެއްވުމަށްފަހު ޖަވާބެއް ދެއްވާނޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"ގާސިމަކީ 'ކިންގް މޭކާ' އެ މަނިކުފާނާ ނުލައި އެއްވެސް މީހަކަށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެއްވޭ،" އުމަރު މިރޭ ވިދާޅުވި އެވެ.
އުމަރު 2018 އިގެ އިންތިހާބުގައި ވާދަ ކުރައްވަން ނުކުންވާނެ ކަަން އިއުލާން ކުރެއްވުމަށްފަހު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އޭނާއާ އިދިކޮޅަށް ނުކުންނަ ފަރާތެއް އަތްޕުޅުގައި "ކާލާ މަންނަ" ނޯންނާނެ ކަމަށެވެ.
އުމަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމާ ބައްދަލު ކުރެއްވި އިރު މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބް ވެސް ވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ. ޝިހާބަކީ އިދިކޮޅު އިއްތިހާދުގެ ޝެޑޯ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީީގެ އިތުރުން މަޖިލިސްގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް މިރޭ ވަނީ މާފަންނު ވިލާއަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވާފަ އެވެ.
އަލްހާން ވިދާޅުވީ އޭނާ ބައްދަލު ކުރެއްވީ ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާތީ ގާސިމްގެ ތާއީދު ހޯއްދެވުމުގެ ގޮތުން ކަމަށެވެ. ޝިހާބު، ގާސިމާ ބައްދަލު ކުރެއްވި ސަބަބު އަދި ސާފެއް ނުވެއެވެ.
އުމަރާއި ޝިހާބު އަދި އަލްހާން ވަކި ވަކިން ގާސިމާ ބައްދަލު ކުރެއްވި އިރު ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފެކްޝަން އިސް ބޭފުޅުން ވެސް ވަނީ މީގެ ދެ ދުވަސް ކުރިން ގާސިމާ ބައްދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ