އެމެރިކާއިން ހުށަހެޅި ސުލްހައިގެ ވާހަކަތަކަށް އީރާނުން ދިން ޖަވާބު އެމެރިކާއަށް ގަބޫލުނުކުރެވޭ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
މިއާ އެކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ހޮރްމޫޒް ކަނޑުއޮޅީގެ ކަނޑުދަތުރުފަތުރަށް ބުރޫއަރާފައިވާ، 10 ހަފުތާއަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް ކުރެވުނު އުންމީދުތައް ވަނީ ފަނޑުވެފަ އެވެ.
ސަރަހައްދީ ހަނގުރާމަ ހުއްޓާލުމަށާއި ކަނޑުއޮޅީގެ ތެރެއިން ދަތުރުފަތުރު ކުރުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް އީރާނުން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން، ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ހުށަހެޅުންތައް ކަމުނުދާ ކަމަށާއި، އެއީ "މުޅިން ބަލައިގަނެވޭނެ" ކަންކަން ނޫން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އީރާނުގެ ހުށަހެޅުމުގައި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމަށާއި އެމެރިކާގެ ކަނޑުގެ އަސްކަރީ ހުރަސްތައް ނައްތާލުމަށާއި ކުރިއަށް އޮތް ތަނުގައި ހަމަލާ ނުދޭނެ ކަމުގެ ކަށަވަރުކަން ދިނުމުގެ އިތުރުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު ގަބޫލުކުރުމަށް ވަނީ ގޮވާލާފަ އެވެ.
އެމެރިކާއިން ބޭނުންވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ އުނދަގޫ މައްސަލަތަކާ މެދު މަޝްވަރާ ފެށުމުގެ ކުރިން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށެވެ.
އެއްބަސްވުމަކަށް އައުމަށް ކުރެވުނު މަސައްކަތްތަކަށް ހުރަސް އެޅުމާ އެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 3 ޑޮލަރަށް އުފުލިގެން ދިޔަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މި ކުރިމަތިލުންތައް އަދި ނުނިމޭ ކަމަށާއި، އީރާނުގެ ޔުރޭނިއަމް ރައްކާކޮށްފައިވާ މިންވަރާއި ނިއުކްލިއާ މަރުކަޒުތަކާއި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅޭ ގޮތުން އަދި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ ތެހެރާނުން ދުވަހަކު ވެސް ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.
މަޝްރަހު ނުތަނަވަސްވެފައިވީ ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ބައެއް ދަތުރުފަތުރުތައް އަލުން ފަށާފައިވެ އެވެ. އޭގެ ތެރޭގައި ޕާކިސްތާނަށް ދަތުރުކުރި ގަތަރު އެނާޖީގެ ގޭސް އުފުލާ އުޅަނދެއް ރައްކާތެރިކަމާ އެކު އެ ސަރަހައްދު ހުރަސްކުރުން ހިމެނެ އެވެ.
ނަމަވެސް، ސަރަހައްދީ ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން، ގަލްފުގެ ގައުމުތަކުން އީރާނާ ގުޅުންހުރި ޑްރޯންތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އިޒްރޭލާއި ލުުބުނާނުގެ ހިޒްބުއްލޯ ޖަމާއަތާ ދެމެދު ދެކުނު ލުބުނާނުގައި ކުރިއަށްދާ ކުރިމަތިލުންތައް ވެސް ދަނީ މެދުކެނޑުމެއް ނެތި ކުރިއަށެވެ.
އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުގެ ޖަވާބު ބަލައެއްނުގަނެވޭ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ