ހަނގުރާމަ ހުއްޓާލުމަށް އީރާން ފޮނުވި ހުށަހެޅުން ޓްރަމްޕަށް ކަމަކު ނުދިޔަ

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ޝަރުތުތަކަކީ "ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން" ކަމަށް ވިދާޅުވެ، އެ ހުށަހެޅުންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ދެކޮޅު ހައްދަވައިފި އެވެ.
މިއާއެކު، ހަފުތާތަކަކަށް ދެމިގެންދިޔަ މަޝްވަރާތަކަށް ފަހު އަނެއްކާވެސް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އީރާނުން އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް ދިން ޖަވާބުގައި ވަނީ އެމެރިކާއިން އަލަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށާއި ހޮރްމޫޒް ކަނޑުއޮޅިއަށް ބޭރުގެ އިތުރު ހަނގުރާމަމަތީ އުޅަނދުތައް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
"މެދުވެރިން ކަމަށް ބުނާ ފަރާތްތައް މެދުވެރިކޮށް އީރާނުން ފޮނުވި ހުށަހެޅުން ކިޔައިފިން. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އެއްޗެއް ނޫން. އަހަންނަށް އެ ކަމަކު ނުދޭ،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
ހުށަހެޅުމަށް އެމެރިކާއިން ދެކޮޅު ހަދާފައި މި ވަނީ އީރާނުގެ ފައްކާކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކޮށް، ނިއުކްލިއާ މަރުކަޒުތައް ނައްތާލެވެންދެން ހަނގުރާމަ ނިމުމަކަށް ނާަންނާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނިކޮށެވެ.
ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ އެމެރިކާ އާއި އިޒްރޭލު ގުޅިގެންނެވެ.
The most trusted news source in the Maldives
އަނެއްކޮޅުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އީރާނުން ދުވަހަކު ވެސް ދުޝްމަނުންގެ ކުރިމަތީގައި ދޫ ނުދޭނެ ކަމަށާއި، މަޝްވަރާ ކުރުމުގެ މާނައަކީ އަމާން ދިނުން ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ދުޝްމަނުންނަށް އީރާނުން ދުވަހަކު ވެސް ބޮލެއް ނުލަނބާނަން. އަދި ވާހަކަތަކެއް ދެކެވުނަސް ނުވަތަ މަޝްވަރާއެއް ކުރިއަށް ދިޔަ ނަމަވެސް އެއީ އަމާންދިނުން ނުވަތަ ފަހަތަށް ޖެހުމެއް ވެސް ނޫން،" އީރާންގެ ރައީސް އެކްސްގައި ލިޔުއްވާފައިވެ އެވެ. 
އީރާންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން އެންމެ ފަހުން ހުށަހެޅި ކަންކަމުގެ ތެރޭގައި ވަނީ ހަނގުރާމަ އެއްކޮށް، ހުރިހާ ދިމާލަކުން ހުއްޓާލުމަށް އަމާޒުކޮށްފަ އެވެ. އޭގެ ތެރޭގައި ލުބްނާންގައި އިޒްރޭލުން ހިޒްބުﷲއަށް ދޭ ހަމަލާތައް ހުއްޓާލުން ވެސް ހިމެނެ އެވެ. 
ހުށަހެޅުމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި، އީރާނުން ވަނީ އެ ގައުމުގެ އަމިއްލަ ޝަރުތުތަކެއް އެމެރިކާއަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގައި ހުރި މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބައެއް "ޑައިލޫޓް" ކުރުމަށާއި ބާކީ ހުރި ތަކެތި ތިންވަނަ ގައުމަކަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ސުލްހައިގެ އެއްބަސްވުން ނާކާމިޔާބު ވެއްޖެ ނަމަ ނުވަތަ އެމެރިކާއިން އެއްބަސްވުމަށް އިހްތިރާމް ނުކޮށްފި ނަމަ އެ ޔުރޭނިއަމް އަނބުރާ އީރާނާ ހަވާލުކުރުން ވެސް ހިމެނެ އެވެ. 
ނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ޓްރަމްޕު އަދި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ