އަންނަމަހުގެ 15 އިން ފެށިގެން ޕާޓީތަކަށް ރަޖިސްޓްރީވާން ހުށަހެޅޭނީ އީ-ފާސް މެދުވެރިކޮށް

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސްއިން މިގޮތަށް ހާމަކުރައްވާފައި މިވަނީ މީހާއަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރެޖިސްޓްރީކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިހާއަށް ނޭނގި ފޯމު ފުރައިގެން ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކުރާ މައްސަލައަކީ މަލްޓި ޕާޓީ ނިޒާމު އުފެދުނީންސުރެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އެކި ދުވަސްވަރު އެކި ފިޔަވަޅުތައް އެޅުނު ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް އައިސްފާނުވާކަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ގިނަ ޚިދުމަތްތަކަކަށް އީ-ފާސް މެދުވެރިކޮށް އެދެވޭ ގޮތް ހެދުމުން ނޭނގި ރީ-ރަޖިސްޓްރީކުރުންފަދަ އެތައް މައްސަލައަކަށް ހައްލު އައި ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
މި ސަބަބާހުރެ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި ހަމައެކަނި އީ-ފާސް މެދުވެރިކޮށް ހުށައެޅޭ ގޮތް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމަވާފައިވާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
"100 އިންސައްތަ ޔަޤީންކަން ދެން އެއްވެސް ރައްޔިތެއްގެ ނަމުގައި އޮޅުވާލައިގެން ފޯމު ހުށައެޅުމުގެ ދޮރު ބަންދުވާނެ އީ-ފާސްގެ ސަބަބުން. ވެރިފައިޑް އެކައުންޓަކުން ނޫން ގޮތަަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ދެން ނުވެވޭނެ. ބަޔޯމެޓްރިކް ޑޭޓާާއި އައިޑީކާޑު ވެރިފައިޑް އެކައުންޓަކުން ނޫން ގޮތަކަށް ޕާޓީ މެންބަރަކަށް ނުވޭނެ." ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް އެދެވޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިހާރު ހުށައަޅާ ކަރުދާސް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ނިމޭ ހިސާބާ ދިމާކޮށް ޕާޓީތަކަށް މެންބަރު އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ފެން މަތިވެއެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން މިވަނީ މިކަމަށް ދާއިމީ ހައްލެއް އަންނާނެ ނިންމުމެއް ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ