ބީއެމްއެލް އާއި މައިންޑްކޯގެ ހެކަތަންގައި ބައިވެރިވާން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ކޮލެބް 26 ހެކަތަން'ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ހެކަތަންގެ މަގްސަދަކީ މެންޓަރުންގެ އެހީތެރިކަމާ އެކު، ޑިޖިޓަލް ހިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.
ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމަށް ޝައުގުވެރިވާ ޑިވެލޮޕަރުން، ޑޭޓާ ސައިންޓިސްޓުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ދަރިވަރުން އަދި ވިޔަފާރިވެރިންނަށް 'ކޮލެބް 26'ގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ރަޖިސްޓްރީވާ ފަރާތްތަކާ ހެކަތަންގެ އިތުރު ތަފްސީލާއި މެންޓަރުންގެ މައުލޫމާތު ހިއްސާކުރާނެ އެވެ.
ތަފްސީލް - މި ހެކަތަން ކުރިއަށްދާނީ މި ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ ދަށުންނެވެ.
މިއީ 'ކޮލެބް 26' ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. ބައިވެރިން ޓީމުތަކަށް ބަހައިގެން، ކަނޑައަޅާފައިވާ ދެ ދާއިރާއަކުން ނުވަތަ ޓްރެކެއްގައި އަމަލީ ގޮތުން ބޭނުންކުރެވޭނެ ފަދަ ސޮލިއުޝަންތަކެއް ތަރައްގީކުރާނެ އެވެ.
ޓްރެކް 1: ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރުން
މި ދާއިރާގެ ދަށުން ޓީމުތަކުން މަސައްކަތް ކުރާނީ ތައުލީމީ، ސިއްހީ، އިޖުތިމާއީ ރައްކާތެރިކަން، ދައުލަތުގެ މާލިއްޔާ، ތިމާވެށި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ.
އަމާޒަކީ އޭއައި ބޭނުންކޮށްގެން ހިދުމަތްތައް އަވަސްކުރުމާއި ހިންގުން ހަރުދަނާކުރުމުގެ އިތުރުން، މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ވަސީލަތްތައް އުފެއްދުމެވެ.
ޓްރެކް 2: ސްވައިޕް އޭޕީއައި މެދުވެރިކޮށް ފިންޓެކް އީޖާދުތައް
ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މި ދާއިރާގައި، ބައިވެރިންނަށް 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން އާ ޖީލުގެ މާލީ އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޓްރެކްގެ މައިގަނޑު އަމާޒަކީ ޑިޖިޓަލް ޕޭމަންޓްތައް އަވަސްކުރުމާއި މާލީ ހިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
ފާހަގަކޮށްލެވޭ - މި ހެކަތަންއަކީ މައިންޑްކޯ އާއި ބީއެމްއެލްއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ.
މިއީ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ