އެމެރިކާއާއެކު ކުރި މަޝްވަރާތަކަކީ ރަނގަޅު ފެށުމެއް ކަމަށް އީރާނުން ބުނެފި
އެމެރިކާއާއި އީރާނުގެ އިސް އޮފިޝަލުން އޮމާނުގައި އިއްޔެ ކުރި މަޝްވަރާތަަކަކީ ރަނގަޅު ފެށުމެއް ކަމަށާއި މަޝްވަރާތައް އަދިވެސް ކުރިއަށްދާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ ޓީވީއާ ވާހަކަ ދައްކަވަމުން އަރަޣްޗީ ވިދާޅުވީ ދެ ގައުމުގެ މެދުގައި އިތުބާރެއް ނެތް މާހައުލެއް އޮތް ކަމަށާއި އެ މާހައުލުން އަރައިގަންނަން ޖެހޭ ކަމަށެވެ. އެ މަޝްވަރާތަކުގެ ދެވަނަ ބުރާ ބެހޭ ތަފުސީލުތައް ނިންމާނީ ފަހުން ކަމަށްވެސް ވިދާޅުވިއެވެ. އިތުރު ބައްދަލުވުންތަކެއް ބޭއްވުމުގެ ފުރުސަތު އޮތް ނަމަވެސް، ބޮޑެތި ޚިޔާލުތަފާތުވުންތައް އަދިވެސް އޮތުމުން އެއްބަސްވުމަކަށް އައުމަކީ ކުރެވޭނެ ކަމެއް ކަމަކަށް މިހާތަނަށް ނުބެލެވޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ހުކުރު ދުވަހުގެ މަޝްވަރާތަކުގެ މެދުވެރިޔަކީ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީއެވެ. އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ އަރަޣްޗީއެވެ. އެމެރިކާ ތަމްސީލު ކުރެއްވީ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމުގައި އެތައް ހާސް ބަޔަކު މެރި ކަމުގެ ތުހުމަތާ އެކު އެމެރިކާއިން އީރާނަށް ހަމަލާދޭނެ ކަމަށް ބުނުމުން ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވަނިކޮށެވެ. ފާއިތުވި ހަފުތާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެއްބަސްވުމަކަށް ނުގޮސްފިނަމަ، ބޮމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އިންޒާރުތަކަށް ފަހު ޓްރަމްޕް ވަނީ މެދުއިރުމައްޗަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ފަޔާ ޖެޓްތަކާއެކު މަތިންދާބޯޓު އުފުލާ ބޯޓެއް ވެސް ފޮނުވާފައެވެ. އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެމެރިކާއިން ދޭ ހަމަލާގެ ރައްދު ވަރުގަދަޔަށް ދޭނެ ކަމަށް ބުނެފައިވެއެވެ. އިއްޔެ ކުރި މަޝްވަރާތަކަކީ މިދިޔަ ޖޫން މަހު އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާ ދިން ފަހުން، އެމެރިކާ އާއި އީރާނުގެ އޮފިޝަލުން ބައިވެރިވި ފުރަތަމަ މަޝްވަރާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ