އެމެރިކާގެ އަސްކަރީ ލީޑަޝިޕަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ސިފައިންގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ރޭންޑީ ޖޯޖް މަގާމުން ވަކިކުރުމަށް އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއްޔެ ނިންމަވައިފި އެވެ.
ހަނގުރާމައެއްގެ މެދުތެރެއިން މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
ޕެންޓަގަނުން ހާމަކުރި ގޮތުގައި، މަގާމުގެ މުއްދަތު ހަމަވާން އަދި އަހަރަކަށް ވުރެ ގިނަ ދުވަސް އޮއްވައި، ޖޯޖް ވަނީ ރިޓަޔާ ކުރައްވާފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕެންޓަގަނުން ހާމައެއް ނުކުރެ އެވެ.
ދިފާއީ ދާއިރާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ހެގްސެތު ގެންދަވަނީ އަސްކަރިއްޔާގެ އިސް ސަފަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. މިގޮތުން ޖޯޖްގެ އިތުރުން އެހެން ބައެއް އިސް އޮފިސަރުން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މި ބަދަލުތައް މި އައީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އީރާނާ ދެކޮޅަށް ކުރިއަށްދާ އޮޕަރޭޝަންތަކާ ގުޅިގެން އެމެރިކާގެ އެތައް ހާސް ސިފައިންނެއް އެ ސަރަހައްދަށް ފޮނުވަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ތެރޭގައި 82 ވަނަ އެއާބޯން ޑިވިޝަންގެ ފައުޖުތައް ވެސް ހިމެނެ އެވެ.
އޮފިޝަލުން ފާހަގަކުރާ ގޮތުގައި، ހަނގުރާމައެއްގެ ހާލަތު އޮތް ވަގުތެއްގައި އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލަކު މަގާމުން ވަކިކުރުމަކީ ކުރިން ފެނިފައިނުވާ ފަދަ އާދަޔާ ހިލާފު ކަމެކެވެ. މިއީ އެމެރިކާގެ އަސްކަރީ ލީޑަޝިޕްގެ ތެރޭގައި އުފެދިފައިވާ ބޮޑެތި ހަލަބޮލިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވެސް ބެލެވެ އެވެ.
އެމެރިކާގެ ސިފައިންގެ ވެރިޔާ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ