ޓްރަމްޕްގެ އީރާން ހަނގުރާމައިގެ ތަޤުރީރު: ޖަވާބަށްވުރެ ގިނައީ ސުވާލު

އީރާނާ ބެހޭގޮތުން ބުދަ ދުވަހުގެ ރޭ ގައުމާ މުޚާތަބު ކުރެއްވިއިރު، ޑޮނަލްޑް ޓްރަމްޕަށް އޮތީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. ގިނަ އުޒުރުތަކެއް މި ތަޤުރީރުގައި ދެއްކެވި ނަމަވެސް ތަޤުރީރު ނިންމަވާލެއްވި އިރުވެސް ޓްރަމްޕަށް ޖަވާބު ނުދެވޭ އެތައް ސުވާލެއް ހުއްޓެވެ.
އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި، އޭނާގެ ރިޔާސަތަށް އޮތް އިތުބާރު ގެއްލިފައިވުމުގެ އިތުރުން، އޭނާ ފެއްޓެވި އީރާން ހަނގުރާމައާ މެދު ހިތްހަމަނުޖެހި، އެކަމުގެ ސަބަބުން އިގްތިސާދަށް ކޮށްފާނެ އަސަރަކާ މެދު އެމެރިކާ ރައްޔިތުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އެބައޮތެވެ.
މެދުއިރުމައްޗާއި މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބޭނުންވަނީ މި ހަނގުރާމަ ނިމޭނީ ކޮން އިރަކު އަދި ކިހިނެއްތޯ ބަލާށެވެ. އަދި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމަކަށް މަގުފަހިވެދާނެ ފަދަ ގޮތަކަށް އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުން ހިމެނޭހެން، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަލަބޮލި ނަތީޖާތައް ޓްރަމްޕް ހައްލުކުރައްވާނީ ކިހިނެއްތޯ ނުވަތަ އެކަން ކުރައްވާނެތޯ ވެސް އެމީހުން ބޭނުންވަނީ އެނގޭށެވެ.
ވައިޓް ހައުސްގެ ކްރޮސް ހޯލްގައި ދެއްވި 20 މިނެޓުގެ ތަގުރީރުގައި، ޓްރަމްޕް ވަނީ އޭނާ ހަނގުރާމައަށް ވަޑައިގަތް ސަބަބާ ބެހޭގޮތުން އެންމެ ސާފު އަދި މަޑުމައިތިރި މޭރުމަކުން ނަމަވެސް މީގެކުރިން ވެސް ދެއްކެވި އެތައް ވާހަކައެއް ތަކުރާރު ކުރައްވާ ތަފްސީލު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް ބިރުދައްކާތާ 47 އަހަރު ވެފައިވާ އީރާނުގެ ވެރިކަމުގައި ތިބި "ޓެރަރިސްޓުންނަށް" ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ޑިޕްލޮމަސީ ނުވަތަ ސުލްހަވެރި މަޝްވަރާތައް ނާކާމިޔާބުވި ގޮތާއި، އީރާން ސަރުކާރުން އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ޓްރަމްޕް ބަޔާންކޮށްދެއްވީ، އޭނާގެ އެންމެ ވަރުގަދަ ސިޔާސީ ސިފަ ކަމަށްވާ "ބާރުވެރިކަން ދެއްކުން" ބޭނުންކުރައްވައިގެންނެވެ.
ޓްރަމްޕްގެ ތަގުރީރާއި ގުޅޭގޮތުން ސީއެންއެންއިން ބުނީ ޓްރަމްޕް ދެއްކެވި "ދަލީލުތަކަކީ މީގެ މަހެއްހާ ދުވަސް ކުރިން، ޓްރަމްޕް މި ހަމަލާތައް ފެއްޓެވި ދުވަސްވަރު ދެއްކެވި ނަމަ މާ ބޮޑަށް ބަލައިގަނެވޭނެ ވާހަކަތަކަކަށް ވެދާނެއެވެ. އޭގެ ފަހުން ފާއިތުވި ހަފުތާތަކުގައި އޭނާގެ ހަނގުރާމައިގެ މަގްސަދުތައް ތަކުރާރުކޮށް ބަދަލުވަމުން ދިއުމުގެ ސަބަބުން، މިހާރު އޭނާ އެ ދެއްކެވި ސާފު ސަބަބުތަކުގެ ނުފޫޒު ކުޑަވެގެން ހިނގައިދާނެއެވެ."
އީރާނު އޮތީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމާ "ވަރަށް ގާތުގައި" ކަމަށާއި، އެމެރިކާގެ މައި ބިމަށް ހަމަލާދެވޭ ފަދަ މިސައިލެއް ވަރަށް އަވަހަށް އެ ގައުމަށް ލިބިދާނެ ކަމަށް ޓްރަމްޕް ކުރެއްވި ބައެއް ދައުވާތަކަކީ، އެމެރިކާ އާއި ހުޅަނގުގެ އިންޓެލިޖެންސް ރިޕޯޓުތަކާ ފުށުއަރާ ކަންކަމެވެ. އަދި އެމެރިކާގެ ރައްޔިތުން އަމިއްލައަށް ގޮތެއް ނިންމުމަށް ބޭނުންވާނެ އެއްވެސް ތަފްސީލީ ހެއްކެއް ޓްރަމްޕް ހުށަހަޅުއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް، އެމެރިކާ އާއި އިސްރާއީލުގެ ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރީ ވަސީލަތްތަކާއި، އެ ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުމުގެ ގާބިލުކަމާއި، އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް އޮތް ނުރައްކާ ފުނޑުފުނޑުކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ ގެއްލުމުގެ މިންވަރާއި، އޭގެ ސަބަބުން އީރާނުގެ ވެރިކަން ބަލިކަށިވެ ނުވަތަ ވެއްޓިގެންދާނެ ފަދަ ސިޔާސީ ރެނދުތަކެއް ލާނެތޯ ވިދާޅުވާކަށް ޓްރަމްޕަށް އެނގިވަޑައެއް ނުގެންނެވިއެވެ.
ގިނަ އޮބްޒާވަރުން އުންމީދުކޮށްގެން ތިބީ މި ހަނގުރާމަ ނިމުމަކަށް ގެންނާނެ ސާފު ގޮތެއް ރައީސް ޓްރަމްޕް މި ތަގުރީރުގައި ހާމަކުރައްވާނެ ކަމަށެވެ. އެކަން ކުރެއްވުމުގައި އޭނާ ނާކާމިޔާބުވުމުގެ އިތުރުން، އަސްކަރީ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަ ކުރައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ. "ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި، އަހަރެމެން އެމީހުން އެނބުރި ސްޓޯން އޭޖް ޒަމާނަށް ފޮނުވާލާނަން، އެއީ އެމީހުންނަށް ހައްގު ތަން،" ޓްރަމްޕް ވިދާޅުވިއެވެ. އަދި ސުލްހައިގެ އެއްބަސްވުމަކަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ، އެ ގައުމުގެ ހުރިހާ ކަރަންޓު އުފައްދާ މަރުކަޒުތަކަށާއި ތެލުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އަނެއްކާ ތަކުރާރު ކުރެއްވިއެވެ.
އެހެންކަމުން، ހަނގުރާމަ ދާނެ މިސްރާބަކާ މެދު ކަންބޮޑުވެފައިވާ އެމެރިކާގެ ރައްޔިތުންނަށް ނުވަތަ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ކްރައިސިސްއާ މެދު ކަންބޮޑުވެފައިވާ ދުނިޔޭގެ އިންވެސްޓަރުންނަށް، މި ތަގުރީރުގެ ސަބަބުން ހިތްހަމަޖެހުމެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
އީރާނުން މުޅިން ބަލި ގަބޫލުކޮށް އަމާންދިނުން ފަދަ، ވުމަށްވުރެ ނުވުން ގާތް ކަމެއް މެނުވީ، މި ހަނގުރާމައިން އަވަހަށް ވަކިވާނެ ސާފު ސްޓްރެޓެޖީއެއް ޓްރަމްޕްގެ ތަގުރީރުގެ އެއްވެސް ހިސާބެއްގައި ހާމައެއް ނުކުރައްވައެވެ.
މިހާރު އެމެރިކާއިން މިކަމުގައި ވެފައިވާ ގުރުބާނީ ކުޑަކޮށް ދެއްކުމުގެ ގޮތުން، އޭނާ ވިދާޅުވީ މިހާތަނަށް ހިނގި 32 ދުވަހުގެ ހަނގުރާމައަކީ، ފުރަތަމަ ބޮޑު ހަނގުރާމަ، ދެވަނަ ބޮޑު ހަނގުރާމަ، ކޮރެއާ، ވިއެޓްނާމް އަދި އިރާގު ހަނގުރާމައިގައި އެމެރިކާއިން ހޭދަކުރި އަހަރުތަކާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. ނަމަވެސް، މި އަޅާކިޔުންތަކުގެ ސަބަބުން މީހުންގެ ހިތްތަކަށް ހަމަޖެހުމެއް ނުލިބިދާނެއެވެ. ސަބަބަކީ، މި ހަނގުރާމަ މިހާތަނަށް ގަބޫލުކުރެވިފައިވާ މުއްދަތަށްވުރެ ދިގުލައިގެން ހިނގައިދާނެކަމުގެ އިޝާރާތެއް މީގައި އެކުލެވޭތީއެވެ.
އަދި އެމެރިކާއަށްވުރެ ބޮޑަށް ހޯރްމޫޒު ކަނޑުއޮޅީގެ ތެލަށް ބަރޯސާވާ އެމެރިކާގެ ވިލާތުގެ ބައިވެރިންނަށް މިކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އޭނާ ދެއްވި އިންޒާރާއި، އީރާނުން ތެޔޮ ވިއްކަން ބޭނުންވާނެތީ އެ ކަނޑުއޮޅި "އަމިއްލައަށް ހުޅުވޭނެ" ކަމަށް އޭނާ ވިދާޅުވި ވިދާޅުވުމުގެ ސަބަބުން ބިރުވެރިކަން އުފެދޭނެއެވެ. އީރާނުން ކުރިމަތިކޮށްފައިވާ ވަރުގަދަ ބްލޮކޭޑް ނައްތާލުމަކީ ބޭރުގެ ގައުމުތަކަށް ފަސޭހަ ކަމަކަށް ވާނެ ކަމަށް ޓްރަމްޕް ދައުވާ ކުރެއްވިއެވެ. ނަމަވެސް، އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ ސަބަބުން، އެމެރިކާގެ ވަރުގަދަ ކަނޑުގެ ސިފައިންނަށް އަދިވެސް އެ މުހިންމު ކަނޑުއޮޅިން ދަތުރެއް ނުކުރެވެއެވެ.
ޓްރަމްޕަށް ޖަވާބު ނުދެވުނު ބޮޑެތި ސުވާލުތަކުގެ ގޮތުގައި ސީއެންއެން އިން ފާހަގަ ކޮށްފައި ވަނީ އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭ ގޮތަށް އީރާނުގެ އިސް ލީޑަރުން އަވަހާރަކޮށްލުމާއިއެކު މިހާރުވެސް ވެރިކަން ބަދަލުކޮށްފި ކަމަށް ޓްރަމްޕް ދައުވާކުރެއްވި ނަމަވެސް، އީރާނު އަދިވެސް އޮތީ ހަނގުރާމައިގެ ކުރިއަށްވުރެ ވެސް ބޮޑަށް ހަރުކަށި ފިކުރުގެ މީހުންގެ އަތްދަށުގައި ނޫންތޯ ކުރާ ސުވާލު ހިމެނެއެވެ.
އޭގެ އިތުރުން އީރާނާއެކު ކުރާ ހަނގުރާމަ ނިމޭނީ ކިހިނެއްތޯ ނުވަތަ ހަނގުރާމަ ނިންމަން އޮތް ރޭވުންތަކަކީ ކޮބައިކަން ޓްރަމްޕް ސާފުކޮށެއް ނުދެއެވެ. މި ކުރިމަތިލުން ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރޭ ހެއްޔެވެ ކުރެވޭ ސުވާލަށް ވެސް ޖަވާބެއް ނެތެވެ. އާންމުންގެ ދެކޮޅުވެރިކަން އޮތް ނަމަވެސް، އެމެރިކާއިން އެއްގަމު މަގުން ސިފައިން ފޮނުވަން ތައްޔާރުވަމުންދޭ ހެއްޔެވެ ނުވަތަ އެއްގަމު މަގުން ސިފައިން ނުފޮނުވާ ހަނގުރާމަ ނިމިދާނެތޯ ކުރެވޭ ސުވާލަށް ވެސް ޖަވާބެއް ނުދެއެވެ.
ހޯރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތް އޮތުމާއި އެމެރިކާއިން ކުރިމަތިލުމަށް އޮތް އެންމެ ފަހުގެ ރޭވުންތަކަކީ ކޮބައިކަން ވެސް ޓްރަމްޕަށް ވިދާޅެއް ނުވެވުނެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރުތައް ހަމައަކަށް އަޅުވައި، ތެލުގެ އަގު އުފުލުން ހުއްޓުވުމަށް އޮތް ރޭވުމަކީ ކޮބައިކަން ވެސް ޓްރަމްޕް ސާފުކޮށެއް ނުދެއެވެ. އީރާނުގެ ސަރުކާރު ހަގީގަތުގައިވެސް ބަލިކަށިވިކަމެއް ޓްރަމްޕަށް ކަށަވަރުކަމާއިއެކު ވިދާޅުވާކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެމެރިކާގެ އެތެރޭގައާއި ދުނިޔޭގެ ފެންވަރުގައި ކުރިމަތިވާނެ އިގްތިސާދީ ނޭދެވޭ އަސަރުތައް އެމެރިކާއިން މެނޭޖްކުރާނީ ކިހިނެއް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.
އީރާނަށް އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަލުން ފެށުމުގެ ފުރުސަތު ލިބިދާނެ ފަދަ، މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވްތައް ނެގުމަށް ޓްރަމްޕް މަސައްކަތް ނުކުރައްވާނެ ކަމަށް ޓްރަމްޕް އިޝާރާތް ކުރެއްވި ކަމަށް ބެލެވެއެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސެޓެލައިޓް މޮނިޓަރިންގްގެ ސަބަބުން، މިދިޔަ އަހަރު އޭނާ ބޮން އެޅި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގެ ކުނިތަކުގެ ތެރޭގައި އެ ތަކެތި އެއްވެސް މީހަކު އަތްނުލާ ހުންނާނެ ކަމަށެވެ. މީގެ ސަބަބުން އެމެރިކާ ސިފައިން ނުރައްކާތެރި މިޝަނެއް ފުރިހަމަކުރަން ނުޖެހޭނެއެވެ. ނަމަވެސް، ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނެސްފި ކަމަށް އޭނާ ދެއްވި ޔަގީންކަމާމެދު ޝައްކު އުފެދޭ ކަމަށް ސީއެންއެން އިން ބުންޏެވެ.
ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ފަސްޖެހުމުގެ މާނައަކީ، ދުނިޔޭގެ އިގްތިސާދު އީރާނުގެ ނުފޫޒުގެ ދަށުގައި ދެމިއޮތުން ކަމަށް ވެސް ސީއެންއެން ބުނެއެވެ. އަދި މީގެ މާނައަކީ ޓްރަމްޕް ކުރި ހަނގުރާމައިގެ ނަތީޖާތަކުން ޓްރަމްޕަށް ސަލާމަތް ނުވެވުމެވެ. އެމެރިކާގައި އަމިއްލަ ބޮޑެތި ތެޔޮ ރިޒާވްތައް ހުރި ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު އެމެރިކާއަށް ކުރާނެކަން ފާހަގަކޮށް ސީއެންއެން އިން ބުނީ އެވްރެޖްކޮށް ތެޔޮ ގުލަނެއްގެ އަގު 4 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަން އެމެރިކާ މީހުންނަށް ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ.
ޓްރަމްޕްގެ ސިޔާސީ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.
ބުދަ ދުވަހުގެ އިރުއޮއްސުނުއިރު، ރައީސް ޓްރަމްޕް ހުންނެވީ އަމިއްލަފުޅަށް އުފެއްދެވި ސިޔާސީ އަދި އިސްތިރާތީޖީ ދަތި ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ތަރުތީބެއް ނެތް މެސެޖުތަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ހަނގުރާމައިގެ އަޕްޑޭޓްތައް ދިނުމުގެ އާދަޔާއި، އަދި ބަދަލުވަމުންދާ ރުޅިވެރި ބަސްމަގުގެ ސަބަބުން، އޭނާގެ ރިޔާސީ ދައުރުގެ ތެރޭގައި އާންމުންގެ އިތުބާރު ވަނީ ތާރީޚީ މިންވަރަކަށް ދަށަށް ގޮސްފައެވެ. ބުދަ ދުވަހުގެ ތަގުރީރަށްފަހު ސީ.އެން.އެން އާއި އެސް.އެސް.އާރް.އެސް އިން ނެރުނު އާ ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ޓްރަމްޕްއަށް އޮތް ތާއީދު އުޅެނީ 35 އިންސައްތައިގައެވެ. އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނިންމި ނިންމުމަށް ތާއީދުކުރަނީ އެމެރިކާގެ އެންމެ 34 އިންސައްތަ މީހުންނެވެ. އަދި ގާތްގަނޑަކަށް 68 އިންސައްތަ މީހުން އީރާނަށް އެއްގަމު ސިފައިން ފޮނުވުމާ ދެކޮޅެވެ. މިއީ ޓްރަމްޕް އަދި ކުރައްވާފައިވާ ކަމެއް ނޫން ނަމަވެސް، ބުދަ ދުވަހު އޭނާ އެކަން ކުރައްވާފާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައެވެ.
މި ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ވަނީ ވަގުތުން އަދި ވޭންދެނިވި އަސަރުތަކެއް ކޮށްފައެވެ. މިއީ އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މިންވަރުން ހާމަވެއެވެ. އާ ޚިޔާލު ހޯދުމުގެ ވޯޓުގައި އިގްތިސާދީ ކަންކަމުގައި ޓްރަމްޕަށް އޮތް ތާއީދަކީ އެންމެ 31 އިންސައްތައެވެ. އަދި އެމެރިކާގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން ބުނާ ގޮތުގައި އޭނާގެ ސިޔާސަތުތަކުގެ ސަބަބުން ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.
މިއީ އެންމެ ހަތް މަސް ދުވަހުގެ ތެރޭގައި އިންތިޚާބަކާ ކުރިމަތިލާން ޖެހިފައިވާ ރައީސަކަށާއި ރިޕަބްލިކަން ޕާޓީއަށް ބަލާއިރު ބިރުވެރި އަދަދުތަކެކެވެ. ދެވަނަ ދައުރެއް ފުރިހަމަކުރައްވާ ރައީސުންގެ މަގުބޫލުކަމާއި ލީޑަޝިޕަށް އޮންނަ އިތުބާރު މިހާ ބޮޑަށް ދަށަށް ދިއުމުން، އަލުން އެކަން ރަނގަޅުވުމަކީ ވަރަށް ނާދިރު ކަމެކެވެ. ޓްރަމްޕް މިހާރު ވިސްނަވަން ޖެހިވަޑައިގަންނަވަނީ، އެކަށީގެންވާ ގޮތެއްގައި ތަފްސީލުކޮށްދެއްވިފައި ނުވާ ހަނގުރާމައެއްގެ ސަބަބުން، އޭނާގެ ރިޔާސީ ދައުރު ނިމި، އޭނާގެ ނަން ކިލަނބުވެދާނެ ކަމުގެ ފުރުސަތާ މެދުގައެވެ.
ޓްރަމްޕްގެ އިގްތިސާދީ ރެކޯޑާ މެދު އާންމުންގެ މެދުގައި އޮތް ޝައްކަކީ ވެސް އޭނާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ހަނގުރާމަ ފެށުމުގެ ކުރިން ވެސް، ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން، އާ ރަންޒަމާނެއް އަންނަ ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ތައުރީފުތައް ގިނަ ވޯޓުލާ މީހުން ވަނީ ބަލައިނުގަނެފައެވެ.
ޕެޓްރޯލްގެ އަގު ވަރަށް އަވަހަށް ދަށަށް ދާނެ ކަމަށާއި ހިއްސާގެ ބާޒާރު އަލުން މައްޗަށް އަރާނެ ކަމަށް ބުދަ ދުވަހުގެ ރޭ އޭނާ ދެއްވި ޔަގީންކަމަކީ، ހަނގުރާމަ ނިންމުމުގެ ސާފު އިސްތިރާތީޖީއަކަށް ވުރެ ބޮޑަށް، އޭނާ ކުރެއްވި އުންމީދީ ތަސައްވުރެއްގެ ގޮތުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ