ގައްދާރެކޭ ބުނުމުން މޮރީނިއޯ ރަތަށް ގައްދާރެކޭ ބުނުމުން މޮރީނިއޯ ރަތަށް

ލިޒްބަން (މާޗް 9) - ޕޯޗުގީސް ޕްރިމޭރާ ލީގުގައި ރޭ 2-2 އިން ޕޯޓޯއާ އެއްވަރުވި މެޗުގައި ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ އަކީ "ގައްދާރެއް" ކަމަށް ބުނެ، މޮރީނިއޯއާ ޕޯޓޯގެ އެސިސްޓަންޓް ކޯޗު ލޫޗޯ ގޮންޒާލޭޒް ދިމާކޮށްލައިފި އެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން، 2002 ވަނަ އަހަރުގެ ޖޫން އިން 2004 ވަނަ އަހަރުގެ ޖޫން އަށް ޕޯޓޯ އަށް ކޯޗުކޮށްދީފަ އެވެ. މި ސީޒަނުގެ ކުރީކޮޅުގައި، ބެންފީކާގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމުން ޕޯޓޯގެ ގިނަ ބަޔަކު އެ ކަމާ ހިތްހަމަނުޖެހުނެވެ.
ލީގުގައި ރޭ ބެންފީކާ އާއި ޕޯޓޯ ކުޅުނު މެޗުގެ 88 ވަނަ މިނިޓްގައި ބެންފީކާ އިން ލަނޑު ޖަހައި އެއްވަރުކުރިތާ އިރުކޮޅެއް ފަހުން، މޮރީނިއޯ އާއި ޕޯޓޯގެ ބެންޗާ ދެމެދު މައްސަލަތައް ގޯސްވި އެވެ. އަދި، އެ ވަގުތު މޮރީނިއޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، މި ފަހަރު ބެންފީކާ އަށް ބަދަލުވި ފަހުން، މޮރީނިއޯ އަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ، ރަތް ކާޑު ދެއްކީ ޕޯޓޯގެ ބެންޗަށް ބޯޅަ ޖެހުމުން ކަމަށެވެ. އެކަމަކު، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އޭނާ އަކީ މެޗުގެ ތެރެއިން އަބަދުވެސް ސަޕޯޓަރުންގެ ތެރެއަށް ބޯޅަ ޖަހާ މީހެއް ކަމަށާއި ރޭގެ މެޗުގައި ޕޯޓޯ ބެންޗާ ދިމާލަށް ބޯޅަ ދިޔައީ، ޓެކްނިކަލީ އޭނާ އަކީ އެހާ ރަނގަޅަށް ބޯޅައިގައި ޖަހާ މީހެއް ކަމަށް ނުވުމުން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
"އެއީ ސަޕޯޓަރުންގެ ތެރެއަށް ފޮނުވާލަން ޖެހި ބޯޅައެއް، އެއީ ހަގީގަތަކީ، ދެން، އަހަންނަށް ރަތް ކާޑެއް ދެއްކުން ގޯސް، ހަގީގަތުގައި މުޅި މެޗުގައި އަހަރެން ދިޔައީ ބުނަމުން ބަދަލު ރެފްރީ ދިޔައީ ގޯސް ނިންމުންތަކެއް ނިންމަމުން ކަމަށް، އެ ވާހަކަ ބުނީމަ އަދި ދެން ވީ މާ ބޮޑަށް ގޯސް،" މޮރީނިއޯ ބުންޏެވެ.
ޕޯޓޯގެ ބެންޗާ ދެެމެދު ދިޔަ ހަމަނުޖެހުންތަކާ ބެހޭގޮތުން، މޮރީނިއޯ ބުނީ، އޭނާ އަކީ ގައްދާރެއް ކަމަށް ޕޯޓޯގެ ކޯޗު ލޫޗޯ، 50 ވަރަކަށް ފަހަރު ބުނި ކަމަށެވެ.
"އަހަރެން ބުނިން ގައްދާރަކީ ކޮބައިކަން އަހަންނަށް އޮޅުންފިލުވައިދޭށޭ، އަހަރެން ޕޯޓޯގައި މަސައްކަތްކުރިއިރު، މުޅި ޖާނު އެ ޓީމަށް ދީގެން މަސައްކަތްކުރިން، އަހަރެން ޗެލްސީ އަށް ދިޔައިރު ވެސް އެ ގޮތަށް، އިންޓަ އަށް ދިޔައިރު ވެސް އެ ގޮތަށް، ރެއާލް މެޑްރިޑްގައި ވެސް އެ ގޮތަށް، މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރިއިރު ވެސް އަހަރެން ހުރީ 24 ގަޑިއިރު ވެސް އެ ވިސްނުމުގައި. އެ އަށް އަސްލު ކިޔަނީ ޕްރޮފެޝަނަލިޒަމް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، ލޫޗޯގެ ފަރާތުން ފެނުނީ ދަށް ފެންވަރުގެ ކަމެއް ކަމަށެވެ. އަދި، ބަދުނާމު ކުރަން އެހެން ވާހަކައެއް ދެއްކިނަމަ ބަލައިގަތުމަށް ފުރުސަތެއް އޮންނާނެ ކަމަށާއި ޕްރޮފެޝަނަލިޒަމް އަށް އެހާ ދަށު ދަރަޖައެއްގައި ފާޑުކިޔާ ގޮތަށް އަމަލުކުރާނަމަ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ޕޯޗުގީސް ލީގުގެ އެއް ވަަނައިގައި ޕޯޓޯ އޮތީ 25 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން އަށް 25 މެޗުން 62 ޕޮއިންޓް، އަދި ތިން ވަނައިގައި އޮތް ބެންފީކާ އަށް 25 މެޗުން 59 ޕޮއިންޓް ވަނީ ލިބިފަ އެވެ. ޕޯޓޯ އާއި ސްޕޯޓިން އެއް މެޗުން ބަލިވެފައި އޮތް ނަމަވެސް ބެންފީކާ އަދި މެޗަކުން ބަލިނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ