ދިގުރަށުން މާލެ ގެނައި އެކަކުގެ %24 އަދި އަނެކަކުގެ %17 ފިހިފައި؛ ހާލު ސީރިއަސް

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު މަރުވެފައިވާއިރު، ހާލު ސީރިއަސްވެގެން މާލެ ގެނައި އެކަކުގެ ހަށިގަނޑުގެ %24 ފިހި، ދެވަނަ މީހާގެ ހަށިގަނޑުން %17 ފިހިފައިވާކާން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:57 ހާއިރު ހިނގި މި ހާދިސާގައި ހަތް މީހަކު ހަމަ އެ ރޭ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އަނެއް ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. މި ދެ މީހުންގެ ތެރެއިން އެކުގެ އުމުރަކީ 40 އަހަރެވެ. އަނެކަކުގެ އުމަރަކީ 27 އަހަރެވެ.
ތަފްސީލް - އައިޖީއެމްއެޗުން އިއްޔެ ބުނީ އެ ދެ މީހުންނަށް އަދިވެސް ފަރުވާދެމުންދަނީ ސީރިއަސް ހާލަތުގައި ވެންޓިލޭޓަރުގައި ކަމަށެވެ.
އެ ދެ މީހުންނަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ފުއްޕާމެއަށް ގެންލުވެފައިވާ ކަމަށާއި ދެ މީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އެގޮތުން:
އެކަކުގެ ހަށިގަނޑުގެ %24 ވަނީ ފިހިފައި 
ދެވަނަ މީހާގެ ހަށިގަނޑުން %17 ފިހިފައިވޭ 
އެނގުން މުހިންމު - މިހާތަނަށް ބެލެވޭ ގޮތުގައި، އެ ހާދިސާ ހިނގީ ކައްކަން އުޅުމުގެ ތެރެއިން ގޭސް ލީކުވެގެން ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އޭރު އޭގެ ތެރެއިން ބައެއް މީހުން ތިބީ ނިދާފައި ކަމަށްވެ އެވެ. 
އެނގިފައިވާ ގޮތުގައި، އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކްގައި ވަދެ ނިކުމެ ހަދަން ހުންނަނީ އެންމެ ދޮރެކެވެ. ބަދިގޭގައި އަލިފާން ރޯވިއިރު، އެ ދޮރު ހުންނަނީ ބަދިގޭގެ އެއް އަރިމައްޗަށްވާ ގޮތަށް ކަމުން، އޭގެ ތެރެއިން ގިނަ މީހުން މަރުވީ ނިކުމެވޭނެ ގޮތެއް ނުވެ، އެތަނުގެ ތެރޭގައި ތާށިވެ ނޭވާ ހާސްވެގެން ކަމަށް ބެލެވެ އެވެ. 
އެތަނުގެ ތެރެއަށް މީހުން ސަލާމަތްކުރަން ފުލުހުން ވަނީ ވެސް ގޭގެ ބިއްދޮށު ފާރު ތަޅާލައިގެންނެވެ. އޭރު ހަތް މީހުން ތިބީ އެތަނުގެ ތެރޭގައި ހަބަރު ހުސްވެފަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ