ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަަހަށް ފާރަވެރިވާން އެމްޑީޕީން ގޮވައިލައިފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ގާނޫނުއަސާސީ އިސްލާހުކުރަން އުޅެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ އަތްޕުޅަށް ޖަމާކުރެއްވުމަށް ޓަކައި، ކަމަށް ބުނެ އެމްޑީޕީއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްޑީޕީގެ ކަންބޮޑުވުން ބޮޑުވެފައިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، އެ އިސްލާހު ތަސްދީގުކުރުމަށް ފެންނަނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުން ދާތީއެވެ. އެ ޕާޓީން ބުނާ ގޮތުގައި މިއީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ކަނޑުވާލާނެ ބަދަލެކެވެ. އެމްޑީޕީން ބުނި ގޮތުގައި މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު މެޖޯރިޓީގެ ބޭނުންކޮށްގެން މި އިސްލާހާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ވަރަށް އަވަސް އަރުވާލައިގެން ނިންމާފައެވެ. މިކަން ކުރި ގޮތުން ސަރުކާރުގެ ނިޔަތް ހާމަވާކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި އިސްލާހަށް ދީފައިވަނީ އެންމެ ފަސް މިނެޓުގެ ވަގުތު ކަމަށާއި، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުކަން އެ ޕާޓީން ފާހަގަކުރެއެވެ. މި ބޮޑު ބަދަލާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލް އިންތިޚާބާ އެކުގައެވެ. މި ބަދަލަށް ރައްޔިތުން ރުހޭކަން ހާމަކޮށް ވޯޓުދޭން މިކަމާ ސަރުކާރުން ދައްކާ އުޒުރުތައް ތަފާތުވަމުންދާކަން ފާހަގަކޮށް، އެމްޑީޕީން ބުނީ ބައެއް ފަހަރު ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު، އަނެއްބައި ފަހަރު އިންތިހާބުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭތީ އިޖުތިމާއީ އެއްބައިވަންތަކަން ގާއިމުކުރުމުގެ ބަހަނާ ދައްކާ ކަމަށެވެ. ނަމަވެސް މި ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ފެންނަނުފެންނަ ވޯޓު 4 ލޯކަލް ކައުންސިލް އިންތިހާބާ އެއްކޮށްލުމުން، ވޯޓުލާ މީހުންނަށް އެ މީހުން ގާތު އަހަނީ ކޮން ސުވާލެއްކަން ދެނެގަތުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ ވަގުތު ނެތްކަމަށް ބުނެފައިވާ ކަމަށާއި، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން މި ބަދަލާ ދެކޮޅަށް ކެމްޕޭން ކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދީފައިނުވާކަން ވެސް އެ ޕާޓީން ފާހަގަކުރެއެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންތައްތައް ވަރަށް ގާތުން ބަލައި ފާރަވެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެ ޕާޓީން ވަނީ ގޮވައިލައިފައެވެ. އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، މިއީ ވެރިކަމުގެ ބާރުތައް ވަރުގަދަކޮށް، ގާނޫނުއަސާސީގައިވާ "ޗެކްސް އެންލް ބެލެންސަސް" ނިޒާމު މުގުރާލުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ މަޝްވަރާއާއި މައުލޫމާތު ނުލިބި ގާނޫނުއަސާސީއަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ކަމެއްކަން ރައީސް މުއިއްޒުގެ ސަރުކާރަށް ހާމަކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ