އެޗުއާރުސީއެމްގެ ރައީސް ކަމަށް ރަމީލާއަށް ރުހުން ދީފި؛ ޖަލްސާއަށް ހާޒިރުވީ 38 މެންބަރުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިހްތިޔާރު ކުރެއްވި އެ ކޮމިޝަންގެ މެންބަރު އަދި ކުރީގެ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާއަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - އެޗުއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ ފަސް އަހަރުގެ ދައުރު މިދިޔަ ނޮވެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ. އެއާ އެކު އެ މަގާމަށް ރަމީލާ އައްޔަން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ އިއްޔެ އެވެ.
ތަފްސީލު - ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ރަމީލާ އެ މަގާމަށް އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވީ ހިއުމަން ރައިޓްސް ކޮމިޓީ އަށެވެ. އެގޮތުން:
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރަމީލާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވޭ
އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅި
އެ ޖަލްސާގައި ރަމީލާ އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 38 ވޯޓުން އެވެ. 
ގުޅުން ހުރި - މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވީ 38 މެންބަރުުންނެވެ. މަޖިލިސް ޗުއްޓީގައި އޮތުމުން، ބައެއް މެންބަރުން އަދިވެސް ތިބީ ރަށުން ބޭރުގަ އެވެ. އިއްޔެ ޖަލްސާއަށް ވަޑައިގެންނެވީ ޕީއެންސީގެ 46 މެންބަރަކާއި އެމްޑީޕީގެ ފަސް މެންބަރުންނާ އެކު 50އަކަށް މެންބަރުންނެވެ.
މިއަދު ބޭއްވީ ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގަ އެވެ. އެޖެންޑާގައި އޮތީ ހަމަ އެކަނި ރަމީލާ އެޗުއާރުސީއެމްއަށް އައްޔަން ކުުރުމާ ގުޅޭ ވޯޓެވެ. އެ ވޯޓަށް ފަހު، ޖަލްސާ ވަނީ ނިންމާލާފަ އެވެ.
މިއީ ގާނޫނާ ހިލާފަށް ބާއްވާ ޖަލްސާތަކެއް ކަމަށަް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ މި ޖަލްސާތައް ބޮއިކޮޓް ކުުރުމަށް ނިންމާފަ އެވެ.
މަޖިލިސް ޗުއްޓީގައި އޮތުމުން ބައެއް މެންބަރުން އަދިވެސް ތިބީ ރަށުން ބޭރުގަ އެވެ. އިއްޔެ ޖަލްސާއަށް ވަޑައިގެންނެވީ ޕީއެންސީގެ 46 މެންބަރަކާއި އެމްޑީޕީގެ ފަސް  މެންބަރުންނާ އެކު 50އަކަށް މެންބަރުންނެވެ.
ފަސް މަންަޒަރު - ރަމީލާ އެޗުއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހު ކުރީކޮޅު އެވެ. ސިއްހީ ހާލަތު ގޯސްވެގެން ކަމަށް ވިދާޅުވެ، ރަމީލާ މި ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 2024ގަ އެވެ.
އެޗުއާރުސީއެމް ހިމެނޭހެން މިނިވަން މުއައްސާތަކަށް ރައީސުން އައްޔަން ކުރަނީ ކުރިން އޮންނަ ގޮތަށް އެ ކޮމިޝަނެއް ތެރޭ ނަގާ ވޯޓަކުން ނޫނެވެ. އެ ކޮމިޝަނަކަށް ރައީސަކު އައްޔަން ކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ނަމެއް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވުމުން، މަޖިލީހުގެ ރުހުމާ އެކު އެވެ. އެގޮތަށް ގާނޫނުތައް ބަދަލުކޮށްފައިވަނީ 2024ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ