ޕެންޝަން ފައިސާ ނުދެއްކުން: ނިޒާމު ފެއިލްވުމާއި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން
ދައުލަތުގެ ޙިއްސާ އޮންނަ ކުންފުނިތަކަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ތަންތަނެވެ. ނަމަވެސް، މިފަހަކުން، މިފަދަ ބައެއް ކުންފުނިތަކުން މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު، އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ. މިއީ ހަމައެކަނި ޤާނޫނީ ބޮޑު ބްރީޗެއް ނޫނެވެ. މިއީ މުވައްޒަފުންގެ އިންސާނީ ޙައްޤުތަކާ ގުޅިފައިވާ، ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި ކަމެކެވެ. ކަމުގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ އަސްލަށް ބަލާއިރު، ދައުލަތުގެ ކުންފުނިތަކަށް މިފަދަ ޙާލަތެއް މެދުވެރިވާ މައިގަނޑު ސަބަބަކީ ކުންފުނިތައް ބޯހިއްލާނުލެވޭ ވަރަށް "އޯވަރސްޓްރެޗް" ވުމެވެ. ސިޔާސީ ޕްރެޝަރާހެދި، ކުންފުނީގެ އުފެއްދުންތެރިކަމަށް ނުބަލައި ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން އައްޔަނުކުރުމަށް އުފެދިފައިވާ ސަގާފަތުގެ ސަބަބުން ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެގެންދިއުމެވެ. އަދި ކުންފުނިތަކުގައި މަސައްކަތުގެ ނިސްބަތަށްވުރެ މުވައްޒަފުން ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ ކޭޝްފްލޯ މެނޭޖްނުކުރެވި، ޤާނޫނީ ގޮތުން ދައްކަންޖެހޭ ފައިސާ ނުދެއްކި، ހިންގުމުގެ ނިޒާމަށް ލިބޭ ބޮޑެތި ލޮޅުންތައް އަންނަނީ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. މުވައްޒަފުންގެ ހައްގުތަކަށް އެޅިފައިވާ ހުރަހެއް ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މައި ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވާއިދުން ޖަމާނުކުރެވި، އެތައް މިލިއަން ރުފިޔާއެއް ނުދައްކާ އޮތް މައްސަލައެއް މިހާރުވަނީ ފެންމަތިވެފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހާމަވެފައިވާ ގޮތުގައި، ވެމްކޯގެ މުވައްޒަފުންގެ ޕެންޝަނަށް ޖަމާކުރަންޖެހޭ 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ޖަމާކުރެވިފައެއް ނުވެއެވެ. މިއީ ކުންފުނިން މުވައްޒަފުންގެ ޙައްޤުތަކަށް ވެފައިވާ ވަރަށްބޮޑު އިހުމާލެކެވެ. https://sun.mv/216627 މިކަމާ ގުޅިގެން ވެމްކޯއިން ބުނަނީ، މި މައްސަލަ ދިމާވެފައިވަނީ ކުންފުނީގެ "ކޭޝް ފްލޯ" ތާށިވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުލިބުމަކީ މީގެ މައިގަނޑު ސަބަބު ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ޚާއްޞަގޮތެއްގައި މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ ނުލިބި އޮތުމަކީ ކުންފުނީގެ މާލީ ހާލަތު ދަށްވާން މެދުވެރިވި ސަބަބެއް ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް، އާންމު މީހާ އަތުން ކަރަންޓު ބިލާއެކު ވެމްކޯގެ ފީ ގަވާއިދުން ނަގަމުންދާއިރު، މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާ އޮތުމަކީ ބަލައިގަނެވޭނެ ބަހަނާއެއް ނޫންކަމުގައި އާންމުން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ ގެއްލުންތައް ނުހަނު ބޮޑެވެ. މުވައްޒަފެއްގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު އެ ފައިސާ ޖަމާނުކުރުމަކީ އެމީހެއްގެ މުސްތަޤުބަލުގެ އިންވެސްޓްމަންޓުން ލިބޭނެ މަންފާ އިން އޭނާ މަޙްރޫމްކުރުމެވެ. މީގެ އިތުރުން، ޕެންޝަން ފައިސާ ދަރަނީގެ ގޮތުގައި ހުރުމުގެ ސަބަބުން މުވައްޒަފުންނަށް ޕެންޝަން ފަންޑުން ލިބޭ ލޯނު ފުރުޞަތުތަކާއި އެހެންނިހެން ޚިދުމަތްތައް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. މިއީ އެއްގޮތަކުން ބަލާއިރު "ހިއުމަން ޓްރެފިކިންގ" ނުވަތަ މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުމުގެ ދަރަޖައިގައި ހިމެނިދާނެ ކަމެކެވެ. ސަބަބަކީ މުވައްޒަފުގެ މުސާރައިން ބައެއް އުނިކޮށް، އެ ފައިސާ ކުންފުނިން އަމިއްލަ ބޭނުމަށް ބޭނުންކުރުމަކީ މުވައްޒަފުންނަށް ވެވޭ ބޮޑު ޚިޔާނަތަކަށްވާތީއެވެ. https://sun.mv/216648 ނިޒާމު ފެއިލްވުމާއި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ޕީސީބީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ވެމްކޯއަށް 467 މިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބިފައިވީ ނަމަވެސް، އެ އަހަރު ކުންފުންޏަށް ވަނީ 138 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. ޖުމުލަ 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ މިފަދަ ބޮޑު ކުންފުންޏަކުން، މުވައްޒަފުންގެ މުސްތަގުބަލާ ގުޅިފައިވާ ފައިސާ ޖަމާނުކޮށް އޮތުމަކީ ކުންފުނީގެ ހިންގުމުގެ ދޯހަޅިކަން ހާމަކޮށްދޭ ކަމެކެވެ. މިއީ މުޅި ޕެންޝަން ނިޒާމަށް އޮތް އިތުބާރު ގެއްލި، އޭގެ ނޭދެވޭ އަސަރު މުޅި ޤައުމުގެ އިޤްތިޞާދަށް ކުރާނެ ކަމެކެވެ. މި މައްސަލައިގައި އެންމެ ހިތާމަވެރި ކަމަކީ، މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ޕެންޝަން ފައިސާ އުނިކުރަމުން ދާއިރުވެސް، އެ ފައިސާ ފަންޑަށް ޖަމާނުކޮށް ހުރުމެވެ. މިއީ މުވައްޒަފުންނަށް ނޭނގި އެމީހުންގެ ޙައްޤަކަށް އަރައިގަތުމެވެ. އާންމު އަމިއްލަ ވިޔަފާރިއަކުން އެންމެ މަހެއްގެ ފައިސާ ނުދައްކައި ލަސްވިޔަސް، ޕެންޝަން އޮފީހުން އެކަން ހައިލައިޓްކޮށް ސުވާލުކުރެއެވެ. ނަމަވެސް، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން މިފަދަ ބޮޑު އިހުމާލެއްވާއިރު، އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދިއުމަކީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ބޯގަތްތަކެއް ހާމަކޮށްދޭ ކަމެކެވެ. މިކަމުގެ އަސްލު ސަބަބުތަކަށް ބަލާއިރު، ގިނަ ފަހަރަށް ސިޔާސީ ނުފޫޒާއި ކޮރަޕްޝަން މީގެ ތެރެއަށް ވަދެފައިވެއެވެ. ވަޒީފާގެ ބިރުވެރިކަމާއި، އާއިލާގެ މީހުންނަށް ވަޒީފާ ހޯދައިދިނުން ފަދަ ކަންކަމުގެ ސަބަބުން، ރައްޔިތުން މިފަދަ ބޮޑެތި އިހުމާލުތަކާ ދެކޮޅަށް އަޑުއުފުލުމަށް ފަސްޖެހެއެވެ. އިންތިޚާބުތަކާ ކުރިމަތިލާއިރު، މިފަދަ ނިޒާމީ މައްސަލަތަކަށް ވިސްނުމުގެ ބަދަލުގައި، އަމިއްލަ ކުދިކުދި މަންފާތަކަށް އިސްކަންދިނުމަކީ، މުޅި މުޖުތަމައު ފަސާދަވުމަށް މަގުފަހިވާ ކަމެކެވެ. މި މައްސަލައިން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދައުލަތުގެ ކުންފުނިތައް ހިންގުމުގައި ގެންގުޅޭ ސިޔާސީ ވިސްނުން ބަދަލުކުރުމެވެ. ކުންފުނިތަކަކީ ވަޒީފާ އުފައްދާ މަރުކަޒުތަކެއްގެ ބަދަލުގައި، ވިޔަފާރީގެ އުޞޫލުން ފައިދާވާ ގޮތަށް ހިންގާ ތަންތަނަށް ހަދަންޖެހޭކަމުގައި، އަޅުގަނޑު ވާހަކަދެއްކި ކަމުގެ މާހިރަކު ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ފައިނޭންސް އާއި ޕްރައިވެޓައިޒޭޝަން ބޯޑުން ކުންފުނިތަކުގެ މާލީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް މޮނިޓަރ ކުރަންޖެހޭކަމަށާއި، ލޭބަރ ރިލޭޝަން އޮތޯރިޓީއާއި، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީތަކާބެހޭ ކޮމިޓީންފަހަތުފަޔަށް ބުރަނުވެ – އެފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މުޅިމައްސަލައިގެ ވަށައިގެންހުރި ކަންތައްތަކަށް ބަލާއިރު، އެންމެ މުހިންމު އެއްކަމަކީ، ރައްޔިތުންނަކީ ހޭލުންތެރި، ކަންކަމުގައި ސުވާލުކުރާ ބަޔަކަށް ވާންޖެހޭކަމެވެ. ތިމާގެ މުސާރައިން އުނިކުރާ ފައިސާއަށް ވާނުވާ ބަލައި، އިހުމާލުވާ ފަރާތްތަކާ ސުވާލުކުރުމުގެ ހިތްވަރު ހުންނަންޖެހެއެވެ. ކުންފުނިތަކުގެ ހިންގުމުގައި ހުންނަ މައްސަލަތަކުގެ ތަކުލީފު މުވައްޒަފުން އުފުލަން ޖެހުމަކީ އިންސާފެއް ނޫނެވެ. ވެމްކޯ ފަދަ ކުންފުނިތަކަކީ ރާއްޖޭގެ ތިމާވެށި ސާފުތާހިރުކޮށް ބެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުނިތަކަކަށް ވާއިރު، އެ ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ކުންފުނީގެ މެނެޖްމަންޓުން ވަޒަންކުރަންޖެހޭނެއެވެ. ނިއުޅެމުންދާ ސަފުހާތަކުން: ހިތިނަތީޖާއަކާ ދިމާއަށް މިސްރާބު ޖަހާފައި ދައުލަތުގެ ކުންފުނިތަކުން ޕެންޝަނަށް ފައިސާ ނުދެއްކުމަކީ ހަމައެކަނި މާލީ މައްސަލައެއް ނޫނެވެ. އެއީ އިޖުތިމާޢީ ބޮޑު މައްސަލައެއްވެސް މެއެވެ. މުވައްޒަފުންގެ ދާއޮހޮރުވައިގެން އަތްވާއިވާރޭގައި ކުރާމަސައްކަތުން ހޯދާ އުޖޫރައިން އުނިކުރާ ފައިސާ، އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ވާޖިބެކެވެ. ޕެންޝަން ފައިސާއަކީ އަމާނާތެކެވެ. އެ އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުވައްޒަފުންގެ މުސްތަޤުބަލު ބަރުބާދުކޮށްލުމެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިކަމަށް ދާއިމީ ޙައްލެއް ލިބޭނީ ކުންފުނިތަކުގެ ހިންގުން އިޞްލާޙުކޮށް، ޤާނޫނީ ގޮތުން ޒިންމާދާރު ކުރެވިގެންނެވެ. ބަހަނާތަކެއް ދެއްކުމުގެ ބަދަލުގައި، މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ކުންފުނީގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ. ޒަމާނުއްސުރެ ސަރުކާރު ކުންފުނިތަކުގެ މެނެޖްމަންޓުން އެތަންތަނުގެ ނަތީޖާއަށް ޒިންމާވާންނުޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އަވަސްފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. އެހެންނޫންނަމަ، ވަރަށްފުން އިގުތިޞާދީ ވަޅުގަނޑަކަށް އަޅުގަނޑުމެންގެ ގައުމު ވެއްޓިދާނެއެވެ. މީގެއިތުރުން، ކުންފުންޏަކުން ދޭ ޚިދުމަތަކަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ، އެކުންފުންޏެއްގެ ގާނޫނީ ޒިންމާ އަދާކުރުމުން ބަރީއަވެވޭނެ ކަމެއްކަމުގައި ދައުލަތުން ގަބޫލުކުރުމަކީ މުޅި ދިވެހިދައުލަތުގެ މާލީ ނިޒާމު ފުނޑުފުނޑުކޮށްލާވަރުގެ ބިރުވެރި ކަމެކެވެ. މިހާރު ފެންނަންއޮތް ހަގީގަތަކީ، ދައުލަތުން އެކަން ބަލައިގަންނަ ކަމެވެ. އެހެންނޫންނަމަ، އެކަމާމެދު ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ