އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވަކި މީހަކަށް ނުވަތަ ވަކި ގޮތަކަށް ވޯޓުލާން އިލެކްޝަން ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނާންގާނެ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.
ތަފްސީލް - އީސީން މިހެން ބުނީ، އިންތިހާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އީސީން އަމަލު ކުރަމުންދާކަމަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކަށް ރައްދުދީ، މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
ބުނީ ކީކޭ؟ - އީސީން ބުނީ، އެއީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ކޮމިޝަނުގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާތީ ހިތާމަކުރާ ކަމަށް ވެސް ބުންޏެވެ.
އީސީން ބުނިގޮތުގައި:
ވޯޓުލުމުގެ މަރުހަލާތައް ރާވާފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން
ވަކި ގޮތަކަށް ނުވަތަ ވަކި ފަރާތަކަށް ވޯޓުލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ
ހަމަޖެހިފައިވާގޮތަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ
ގުޅުންހުރި - ކުރިއަށް އޮތް އިންތިހާބުގެ ކަންކަމުގައި އީސީން އަމަލުކުރަމުންދަނީ، ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ކަންކަން ފަހިކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި އިދިކޮޅުގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އީސީން މަސައްކަތް ނުކުރާ ކަމަށް ބުނެ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން، ކައުންސިލް އިންތިހާބުގެ ކެންޑިޑެސީ ބަލައިގަތުމުގައި އީސީން އަމަލުކޮށްފައިވަނީ ޕީއެންސީއަށް ފަހިވާގޮތަށް ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި އިދިކޮޅު ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ އީސީން ގަސްތުގައި ބަލައިގެންފައިނުވާ ކަމުގެ ތުހުމަތު ވެސް އެ ކޮމިޝަންގެ މައްޗަށް އިދިކޮޅުން ކުރެ އެވެ.
ވަކި ގޮތަކަށް ވޯޓުލާކަށް އޮފިޝަލުން ނާންގާނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ